ޤާނޫނުއަސާސީ ދުވަހުގެ ޚިޠާބު

މާތްﷲއަށް ޙަމްދުކޮށް އެކަލާނގެ ނަބިއްޔާ محمد صلى الله عليه وسلم އަށް ޞަލަވާތާއި ސަލާމުން ވެދުންކުރަމެވެ. އަދި އެކަލޭގެފާނުގެ އާލުންނާއި އަސްޙާބުން މިޞަލަވާތާއި ސަލާމުގައި ޝާމިލުކުރަމެވެ.

މިއަހަރުގެ ޤާނޫނުއަސާސީ ދުވަހުގެ މުނާސަބަތުގައި ދިވެިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިޔުންނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަންފުޅުގައާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަމެވެ.

ލިޔެވިފައިވާ ޤާނޫނުއަސާސީއެއް ރާއްޖޭގައި އެންމެ ފުރަތަމަ ތަޞްދީގު ކުރެވި ޢަމަލު ކުރަން ފެށުނުފަހުން މިވޭތުވެދާ 79 އަހަރުގެތެރޭގައި ރާއްޖޭގެ ރައްޔިތުން ވަނީ ގިނަގުނަ ތަޖުރިބާތަކެއް ކޮށްފައެވެ. ބައެއް ތަޖުރިބާތަކަކީ ނުހަނު އުފާވެރި ތަޖުރިބާތަކެކެވެ. އަނެއްބައި ކަންކަމަކީ ހިތި ތަޖުރިބާތަކެކެވެ. އެހެން ނަމަވެސް މިއިން ކޮންމެ ޙާލަތެއްގައިވެސް ޢިބްރަތްތެރި ފިލާވަޅުތަކެއް ލިބިދީފައިވާކަމީ ހަޤީޤަތެކެވެ.

އަޅުގަނޑުމެން މިހާރު މިތިބި ހިސާބަަށް އާދެވިފައިވަނީ އެތަޖުރިބާތަކުގެ މައްޗަށެވެ. އެފިލާވަޅުތަކުން ޢިބްރަތް ޙާޞިލް ކޮށްގެންނެވެ.

މިއަދުގެ ޖީލަކީ ގައުމީ ނިސްބަތުން ބަލާއިރު ވަރަށް މުހިންމު ވާޖިބެއް ކޮނޑުގައި އެޅިފައިވާ ޖީލެކެވެ. ދުނިޔެ ބަވަނަވަމުންދާ ދިއުމުގައި އަޅުގަނޑުމެންގެ ގައުމުގެ ދައުރު ކަނޑައެޅުމުގެ ވަރުގަދަ ޒިންމާ މިވަނީ މިއަދުގެ ޖީލާއި ޙަވާލުވެފައެވެ. 2008 ވަނަ އަހަރުގެ އޯގަސްޓްމަހު ޢަމަލުކުރަންފެށި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ދިވެހިރައްޔިތުން ލިބިގަތް އާ ޙައްގުތަކާއި އާ ނިޒާމުތަކާއި މަފްހޫމްތައް ރަނގަޅަށް ދެނެގަނެ އެ ކަންކަން ބައްޓަން ކުރުމުގެ މަސްއޫލިއްޔަތު އެޅިފައިވަނީ މިޖީލުގެ ކޮނޑުގައެވެ.

މި މުހިންމު ގައުމީ މަސްއޫލިއްޔަތު އަދާކުރުމުގައި ސާބިތުކަމާއެކު ދެމިތިބެވޭނީ ދިވެހި ގައުމިއްޔަތުގެ ރުކުންތަކަށް ރައްކާތެރިވެ ތިބެގެންނެވެ. އިސްލާމްދީނާއި ރާއްޖޭގެ މިނިވަންކަމާއި، އަމިއްލަ ވަންތަކަން ދެމެހެއްޓިގެންނެވެ. ޑިމޮކްރަސީގެ ރޫހު އަށަގެންނެވިގެންނެވެ. ތިމާގެ ޙައްގުތަކަށް ތިމާ އެދޭ ފަދައިން އަނެކުންގެ ޙައްގުތައް ރައްކާތެރި ކުރުމަށް މަސައްކަތްކޮށްގެންނެވެ.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންގެ ގައުމަށް ސުލްޙަމަސަލަސްކަމާއި ހަމަޖެހުން އަބަދުގެ އަބަދަށް މިންވަރުކޮށްދެއްވުމެވެ. ފާގަތިކަމާއި ތަނަވަސްކަން ދެއްވުމެވެ.

والحمد لله رب العالمين


ޢަބްދުﷲ ޝާހިދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް

______________________________________________________________

27 މުޙައްރަމް 1433

22 ޑިސެމްބަރ 2011