މަޖިލީހުގެ ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅެއް މިއަދު އިއްވަވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 27 ވަނަ ޖަލްސާގައި، ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގައި، ދިވެހި ސަރުކާރުން ލޯނު ނުވަތަ ދަރަންޏަށް ފައިސާ ނަގަންވާނީ ނުވަތަ ގެރެންޓީ ދޭންވާނީ، އެކަމަށް އެދި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެކަން އެގޮތަށް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުއްދަކުރާނަމަ، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެހުށަހެޅުން ފާސްވެއްޖެނަމަ ކަމަށް ބަޔާންކޮށްފައިވާތީ، ދިވެހި ސަރުކާރުން ލޯނުނެގުމަށާއި ގެރެންޓީ ދިނުމަށް އެދި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ހުށަހަޅުއްވައި އެކަން އެގޮތަށް ކުރުމަށް ހުއްދަކުރާ ލޯނުތަކާއި ގެރެންޓީތަކާއި ގުޅޭގޮތުން، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައިވާ ލިޔުންތަކުގެ ކޮޕީ އެމާއްދާގައިވާ ގޮތުގެމަތިން މަޖިލީހަށް ފޮނުއްވައި، މިމައްސަލަ މަޖިލީހުން ފާސްކުރެއްވުމަށްޓަކައި މިމައްސަލަ މަޖިލީހަށް ހުށަހަޅުއްވައިދެއްވައި، މިމައްސަލަ މަޖިލީހުން ނިންމެވި ގޮތް އަންގަވައި ދެއްވުން އެދި މަޖިލީހުގެ ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީފުޅު މަޖިލީހަށް މިއަދު އިއްވަވާފައިވެއެވެ. މި ސިޓީ މަޖިލީހަށް އިއްވަވާފައިވަނީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅުއްވާ ކަމެއްގެ ގޮތުގައެވެ. މިސިޓީގައިވާ މައްސަލަ އިއްވެވުމާއި ގުޅިގެން ވަނީ މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާފައެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް އޮންނަނީ 25 ޑިސެމްބަރ 2011 ވާ އާދީއްތަދުވަހު ހެނދުނު 9:00 ގައެވެ.

26 މުހައްރަމް 1433

21 ޑިސެމްބަރ 2011