މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑްގެ މާލީ ޙާލަތު، މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓަށް މަޖިލީހުގައި ބަހުސްކޮށް އެމައްސަލައާމެދު ގޮތެއް ނިންމަވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 27 ވަނަ ޖަލްސާގައި، މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑްގެ ބައެއް ދަރަނި ދެއްކުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ / ޚާއްޞަ ބަޖެޓްގެ ދަށުން 2009 އަދި 2010 ވަނަ އަހަރުގެ ކޮންޓިންޖެންސީ އައިޓަމުން ބޮޑެތި ޚަރަދުތަކެއް ކުރެވިފައިވާތީ، މާލިއްޔަތު ކޮމިޓީން އެ ކުންފުނީގެ މާލީ ޙާލަތު ދިރާސާކުރެއްވުމަށްފަހު، އެ ކުންފުންޏާމެދު ޢަމަލުކުރާނެ ގޮތަކާމެދު ކޮމިޓީން ނިންމެވި ގޮތުގެ ރިޕޯޓަށް މިއަދުގެ ޖަލްސާގައި ބަހުސްކޮށް ނިންމުމަށްފަހު އެމައްސަލައާގުޅިގެން މަޖިލީހަށް ހުށަހެޅުނު ހުށަހެޅުމުގައި ވާގޮތަށް ފާސްކުރައްވައިފިއެވެ.

މަޖިލީހުން މިއަދު ފާސްކުރައްވާފައިވަނީ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވައި، ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު ތާއީދުކުރެއްވި ހުށަހެޅުންކަމުގައިވާ މާލިއްޔަތު ކޮމިޓީން ހުށަހަޅާފައިވާ ރިޕޯޓްގައިވާ ގޮތުގެމަތިން، އެމް.އެން.އެސް.އެލް ކުންފުނި އުވާލުމަށްފަހު ޤައުމީ ޝިޕިންގ ލައިނެއް ސަރުކާރުން އުފައްދަން ބޭނުންވާނަމަ އެ ކުންފުންޏެއް ހެދުމުގެ ކުރިން އެ ވިޔަފާރީގެ ފީޒިބްލް ރިޕޯޓެއް ހެދުމަށްފަހު ގެއްލުމެއް ނެތި ޝިޕިންގ ކުންފުންޏެއް ހިންގޭނެނަމަ، އެ ވިޔަފާރިކުރުމަށް ކުންފުންޏެއް ހެދުމުގެ އިޚްތިޔާރު ސަރުކާރަށް ދިނުމަށް ހުށަހެޅުއްވި ހުށަހެޅުއްވުމާ އެއްގޮތަށެވެ.

މިހުށަހެޅުން މަޖިލީހުން ފާސްކުރައްވާފައިވަނީ ވޯޓް ދެއްވާފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާޤުންނެވެ.

26 މުޙައްރަމް 1433

21 ޑިސެމްބަރ 2011