ޕްރީ ސްކޫލް ހިންގުމުގެ ބިލު ފާސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 27 ވަނަ ޖަލްސާގައި، ޕްރީ ސްކޫލް ހިންގުމުގެ ބިލުު މަޖިލީހުން ގެންނެވި އިސްލާޙްތަކާއެކު މިއަދު ފާސްކުރައްވައިފިއެވެ.

ޕްރީ ސްކޫލް ހިންގުމުގެ ބިލު ފާސްކުރައްވާފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 71 މެންބަރުންގެ އިއްތިފާޤުންނެވެ.

ޕްރީ ސްކޫލް ހިންގުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 83 ވަނަ މާއްދާގެ (ހ) ގެ ދަށުން މިއަދު 9 އިޞްލާހަކަށް ވޯޓަށް އައްސަވައި 8 އިޞްލާހެއް ފާސްކުރައްވާފައިވެއެވެ. އަދި ގަވައިދުގެ 83 ވަނަ މާއްދާގެ (ށ) ގެ ދަށުން އިޞްލާޙަކަށް ވޯޓަށް އައްސަވައި އެއިޞްލާޙު ފާސްކުރައްވާފައިވެއެވެ. މީގެއިތުރުން ގަވައިދުގެ 83 ވަނަ މާއްދާގެ (ނ) ގެ ދަށުން 2 އިޞްލާހަކަށް ވޯޓަށް އައްސަވައި ފާސްކުރައްވާފައިވެއެވެ.

ޕްރީ ސްކޫލް ހިންގުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ 6 އޮކްޓޯބަރ 2009 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ 45 ވަނަ ޖަލްސާގައެވެ. އެބިލާމެދު މަޖިލީހުގައި ބަހުސްކުރެއްވުމަށްފަހު، މެންބަރުން ފާޅުކުރެއްވި ޚިޔާލުތަކުގެ އަލީގައި އެބިލު އިޞްލާޙުކުރެއްވުމަށްޓަކައި ޤައުމީ ތަރައްޤީގެ ކޮމިޓީއަށް ފޮނުއްވުމަށް ނިންމެވީ 9 މާރޗް 2010 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާގައެވެ. ބިލުގެ މަސައްކަތް ނިންމެވީ 25 އޮކްޓޯބަރ 2010 ގައި ބޭއްވެވި އެކޮމިޓީގެ 5 ވަނަ ބައްދަލުވުމުގައެވެ.

26 މުޙައްރަމް 1433

21 ޑިސެމްބަރ 2011