ރައްޔިތުންގެ މަޖިލީހުގެ 6 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ 6 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފިއެވެ. އެއީ ޤައުމީ ސަލާމަތު ކޮމިޓީ، ހިއުމަން ރައިޓްސް ކޮމިޝަންގެ ނާއިބު ރައީސްގެ މަޤާމަށް ޢައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ ނަންފުޅު ދިރާސާ ކުރެއްވުމަށް ހޮއްވެވި ކޮމިޓީ، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީ، މަސްވެރިންނާ އޮޑިވެރިންނަށް މިވަގުތު ދިމާވެފައިވާ ދަތިތަކާ މައްސަލަތައް ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީ، އިމްތިޔާޒް ކޮމިޓީ އަދި މުޅި މަޖިލީހުގެ ކުޑަ ކޮމިޓީއެވެ.

ޤައުމީ ސަލާމަތުގެ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ ހެނދުނު 09:32 ން 10:32 އަށެވެ. މިކޮމިޓީގެ ބައްދަލުވުމުގައި އިސްރާޢީލްގެ ޤައުމީ އެއަރލައިންގެ ފްލައިޓްތައް ރާއްޖެ އަށް ދަތުރުތައް ފެށުމުގެ ހުއްދަދެއްވުމަށާއި، ޅ.އަތޮޅު ދިއްފުށިމާދޫގައި ކުރިއަށް ގެންދާ ޕްރޮޖެކްޓާމެދު އިޒްރޭލުގެ މިލިޓަރީ ޕޯސްޓެއް ޤާއިމްކުރުމަށް ކުރެވޭ މަސައްކަތެއްކަމުގައި ކުރެވޭ ތުހުމަތުތަކާއި ދިވެހިރާއްޖޭގެ ބިން އިޒްރޭލުގެ މީހުންނަށް ދަނޑުވެރިކަން ކުރުމަށް ސަރުކާރުން ދެއްވުމަށް ނިންމަވާފައިވާ މައްސަލަ ބައްލަވާދެއްވުމަށާއި، ފިޔަވަޅު އަޅުއްވާދެއްވުމަށް އެދިވަޑައިގެން ކޮމިޓީއަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒު، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފު، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް ޢަބްދުﷲއެވެ. މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ތާރިޤް ކޮމިޓީއަށް ވަޑައެއްނުގަންނަވައެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ނާއިބު ރައީސްގެ މަޤާމަށް ޢައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ ނަންފުޅު ދިރާސާ ކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:15 ން 11:25 އަށެވެ. މިކޮމިޓީގެ ބައްދަލުވުމުގައި ފުރަތަމަ އޮތީ ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރުގެ ނަންފުޅު ހުށަހެޅުއްވިއެވެ. އަދި ނައިބު މުޤައްރިރެއްގެ ގޮތުގައި މަޑަވެލި ދާއިރާގެ މެންބަރު އަޙްމަދު ނާޒިމްގެ ނަންފުޅު ހުށަހެޅުއްވިއެވެ. މިނަންފުޅުތައް އެ ވަގުތު ކޮމިޓީއަށް ވަޑައިގެން ތިއްބެވި އެންމެހާ މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަޠީފް، މަޑަވެލި ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މައުސޫމް އަދި ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު އެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަޠީފް، މަޑަވެލި ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މައުސޫމްއެވެ. މާވަށު ދާއިރާގެ މެންބަރު ޢަބްދުލް ޢަޒީޒް ޖަމާލު އަބޫބަކުރު ކޮމިޓީއަށް ވަޑައެއް ނުގަންނަވައެވެ.

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:30 ން މެންދުރު 12:00 އަށެވެ.  މިބައްދަލުވުމުގައި ކޮމިޓީން ފުރަތަމަ ބެއްލެވީ  ސިޔާސީ ޕާޓީތަކުގެ ބިލާމެދު ދިރާސާކުރެއްވުމަށް ހޮއްވެވި ޕެނަލްއިން ކޮމިޓީއަށް ހުށަހެޅި ރިޕޯޓުގެ 10 ވަނަ ނަންބަރެވެ. އަދި މިނަމްބަރު ޕެނަލުން ހުށައެޅި ރިޕޯޓުގައި ވާގޮތަށް އޮތުމަށް ކޮމިޓީގެ މެންބަރުން އިއްތިފާގުވިއެވެ. އެއަށްފަހު ކޮމިޓީގައި ކުރިއަށް ގެންގޮސްފައިވަނީ ރިޕޯޓުގެ 9 ވަނަ ނަަންބަރުގެ (ރ) ގެ ޕާޓީގެ އެތެރޭގެ އިންތިހާބީ މަގާމެއް ފުރަމުންގެންދާ މީހަކު ޕާޓީއިން ވަކިކުރާނެ ގޮތަކާމެދުއެވެ. މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ހެންވޭރު ދެކުނު ދާއިރާމެންބަރު ހާމިދު ޢަބްދުލްޣަފޫރު،  އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާއެވެ. މުލަކު ދައިރާގެ މެންބަރު އަބުދުﷲ ޔާމީން ކޮމިޓީއަށް ވަޑައެއްނުގަންނަވައެވެ.

މަސްވެރިންނާ އޮޑިވެރިންނަށް މިވަގުތު ދިމާވެފައިވާ ދަތިތަކާ މައްސަލަތައް ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 12:34 ން 12:53 އަށެވެ. މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ މަސްވެރިންނާއި އޮޑިވެރިންނަށް މިވަގުތު ދިމާވެފައިވާ ދަތިތަކާއި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް މަޖިލީހުން ހޮއްވެވި ކޮމިޓީގެ ރިޕޯޓް ދިރާސާ ކުރައްވާ ފައިނަލް ކުރެއްވުމެވެ. އެގޮތުން ރިޕޯޓު ބައްލަވާ އިސްލާހު ކުރެއްވުމަށްފަހު އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ރިޕޯޓް ފާސްކުރެއްވުމަށް ހުށަހެޅުއްވާ، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މައުސޫމް ތާއީދު ކުރެއްވިއެވެ. މި ހުށަހެޅުމަށް އެއްވެސް މެންބަރަކު އިޢުތިރާޒު ކުރައްވާފައި ނުވާތީ އެވަގުތު ކޮމިޓީ އަށް ހާޒިރުވެ ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ރިޕޯޓް ފައިނަލް ކުރައްވާ ކޮމިޓީ ނިންމަވާ ލެއްވިއެވެ. ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ފާރެސްމަތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްތަލިބު، މަޑެވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މައުސޫމް އެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަޙީމް، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާއެވެ.

އިމްތިޔާޒް ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 14:50 ން 14:55 އަށެވެ. މިކޮމިޓީގެ ބައްދަލުވުމުގައި ތިމަރަފުށީ ދާއިރާގެ މެންބަރު މުޙަންމަދު މުސްޠަފާ ފުލުހުންނަށް ފޮނުވާފައިވާ ސިޓީއެއްގެ ކޮޕީއެއް އިމްތިޔާޒް ކޮމިޓީއަށް ލިބިފަިއވާތީ އެ މައްސަލަ އިމްތިޔާޒް ކޮމިޓީ މެންބަރުންގެ ސަމާލުކަމަށް ގެންނަވާ ކޮމިޓީ ނިންމަވާލެއްވިއެވެ. ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަޙުމީ، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާއެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް، ފެލިދޫ ދާއިރާގެ މެންބަރު ޔުސުފް ނަޢީމް، އުގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީ، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދުު، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރުއެވެ.

މުޅި މަޖިލީހުގެ ކުޑަ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ މެންދުރުފަހު 14:50 ން 15:55 އަށެވެ. މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ “ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމުގެ ބިލް” ގެ މަސައްކަތެވެ. މިގޮތުން މި ބިލުގެ 19 ވަނަ މާއްދާއިން ފެށިގެން ބިލުގެ 23 ވަނަ މާއްދާގެ ނިޔަލަށް ބެއްލެވުމަށްފަހު މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު ޒުބައިރު، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒްއެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމްްއެވެ.

 

26 މުހައްރަމް 1433

21 ޑިސެމްބަރ 2011