ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 27 ވަނަ ޖަލްސާގައި، ނަން އިއްވި މެންބަރަކު ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިނުގަތުމުން މިއަދުގެ ޖަލްސާ ވަގުތުކޮޅަކަށް މެދު ކަނޑާލައިފިއެވެ.
ޖަލްސާ މެދުކަނޑާލީ ނަން އިއްވާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު މަޚްލޫފް މަޖިލީހުގެ ގަވައިދުގެ 54 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތިން ޖަލްސާ ދޫކުރައްވައި ނިކުމެވަޑައި ނުގަތުމުންނެވެ.
މަޖިލީހުގެ ގަވާއިދުގެ (ޅ) ގައި ބަޔާންކުރަނީ މި މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް މެންބަރެއްގެ ނަން އިއްވައިފިނަމަ، އެ މެންބަރަކަށް، އެ ޖަލްސާގެ ބާކީ އޮތް ބައިގައި ބައިވެރިއެއް ނުވެވޭނެއެވެ. އަދި އެ މެންބަރަކު ވަގުތުން ޖަލްސާ ދޫކޮށް ދާންވާނެއެވެ.
26 މުހައްރަމް 1433
21 ޑިސެމްބަރ 2011