2010 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސް ކުރިއަށްގެންދަވައިފި

މިއަދު ބޭއްވުނު 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 69 ވަނަ ޖަލްސާގައި، 2010 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެބަޙުސްގެމަރުޙަލާ ކުރިއަށް ގެންދަވައިފިއެވެ.

މިއަދުގެ ޖަލްސާގައި، 2010 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސްގެމަރުޙަލާގައި، 03 މެންބަރުން ވާހަކަދައްކަވާފައިވެއެވެ. އަދި މިބަހުސަށް އިތުރު މެންބަރަކު ވާހަކަދެއްކެވުމަށް އެދިވަޑައިގެންފައިނުވާތީއާއި ބަހުސަށް ތައްޔާރުވުމަށް މެންބަރުންނަށް އިތުރު ފުރުސަތު އެރުވުމުގެ ގޮތުން އެޖެންޑާގައި އިތުރުކަމެއްވެސް ނެތުމާއެކު ޖަލްސާގެ ވަގުތުހަމަވުމުގެކުރިން މިއަދުގެ ޖަލްސާ ވަނީ ނިންމަވާލައްވާފައެވެ.

2010 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގެ މަރުޙަލާ ކުރިއަށް ގެންދެވުމުގެ ކުރިން، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދާ ކުރައްވާ ސުވާލުކުރެއްވުންވެސް އޮތެވެ. މިސުވާލަށް ވަޒީރު ދެއްވި ޖަވާބާ ގުޅިގެން، އިތުރު ސުވާލު ކުރެއްވުމަށް ހުޅުއްވާލެއްވި ފުރުޞަތުގައި، 11 މެންބަރަކު ސުވާލު ކުރެއްވިއެވެ.

ހުސްވަގުތުކޮޅުގެ ކުރިން 54 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދުއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ، 02 ޑިސެމްބަރ 2009 ވާ ބުދަދުވަހު ހެނދުނު 9 ޖަހާއިރުއެވެ.