ރައްޔިތުންގެ މަޖިލީހުގެ 4 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ 4 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފިއެވެ. އެއީ ގަވާއިދު ކޮމިޓީއާއި ސުލޫކު ކޮމިޓީއާއި އިޖްތިމާޢީ ކޮމިޓީ އަދި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއެވެ.

ގަވާއިދު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:20 ގައެވެ. މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ އެއްގަމު ދަތުރުފަތުރުކުރުމުގެ ޤާނޫނު ގެ ދަށުންއެކުލަވާލެވިފައިވާ ގަވާއިދުތައް ކޮމިޓީއިން ދިރާސާ ކުރެއްވި އިރު ފާހަގަކުރެވިފައިވާ ބައެއް ކަންތައްތަކާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ގެ ފަރާތުން ވަޑައިގެންނެވި ބޭފުޅުންނާއި ސުވާލުކުރައްވާ މައުލޫމާތު ސާފު ކުރެއްވުމުގެ މަސައްކަތެވެ.

މިއަދުގެ މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީ، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ އަދި އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް އެވެ. ބައްދަލުވުމަށް ވަޑައިނުގަންނަވާ މެންބަރުންނަކީ އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދް އަދި ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރެވެ.

މިކޮމިޓީގެ ބައްދަލުވުންތަކުގައި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް ގެ ބަދަލުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރެވެ.

ސުލޫކު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 14:40 ގައެވެ. މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، މަޖިލީހުގެ ރައީސް އާގުޅޭގޮތުން 2 މެންބަރަކު ހުށަހަޅުއްވާފައިވާ ސުލޫކުގެ މައްސަލަ ދިރާސާ ކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން މި މައްސަލައަކީ ކޮމިޓީން ބަލަންޖެހޭ މައްސަލައެއްތޯ ބެލުމުގެ ގޮތުން ވޯޓަކަށް އެއްސެވިއެވެ. މިވޯޓުގައި އެވަގުތު ކޮމިޓީއަށް ހާޒިރު ވެވަޑައިގެން ތިއްބެވި 7 މެންބަރުން ބައިވެރިވެވަޑައިގަތެވެ. ފެންނަ ކަމަށް ވޯޓުދެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ މެންބަރުންނަކީ ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު، ތިމަރަފުށި ދާއިރާގެ މެންބަރު މުޙަންމަދު މުޞްޠަފާ އަދި މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދެވެ. އެހެންކަމުން ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުން މި މައްސަލައަކީ މި ކޮމިޓީން ދިރާސާ ކުރަންޖެހޭ މައްސަލައެއް ނޫންކަމުގައި ނިންމެވިއެވެ.

މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ، މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙަންމަދު، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް، ތިމަރަފުށި ދާއިރާގެ މެންބަރު މުޙަންމަދު މުޞްޠަފާ އަދި މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު އެވެ. ބައްދަލުވުމަށް ވަޑައިގެންފައިނުވަނީ ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލް ޣަފޫރު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲއަބްދުއްރަހީމް އަދި އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީ އެވެ.

އިޖްތިމާޢީ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:12 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ބިލާއި އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ބިލުގެ މަސައްކަތް ކުރިއަށް ގެންދަވާނޭ ގޮތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވުނެވެ. އެގޮތުން ވެލިދޫ ދާއިރާގެ މެންބަރު އަލީ މުޙައްމަދު ހުށަހެޅުއްވީ ސަބް ކޮމިޓީ ތަކެއް ހޮއްވަވާ މަސައްކަތް ކުރިއަށް ގެންދެވުމަށެވެ. މި ހުށަހެޅުއްވުމަށް އެއްވެސް މެންބަރަކު އިޢުތިރާޒު ކުރައްވާފައި ނުވާތީވެ ސަބް ކޮމިޓީ ތަކަށް ނަންތައް ހުށަހަޅުއްވާ އެހުށަހެޅުންތައް ފާސް ކުރެއްވުމުގެ މަސަކަތްކުރެއްވިއެވެ. މިގޮތުން، “މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ބިލް” ދިރާސާކުރެއްވުމަށް ހޮއްވެވި ސަބްކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް އަދި ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލްޣަފޫރު އެވެ. އަދި “އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ބިލް” ދިރާސާ ކުރެއްވުމަށް ހޮއްވެވި ސަބްކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު އަދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު އެވެ.

މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ، ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު އަދި  ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލްޣަފޫރު އެވެ. މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙަންމަދު، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤް، އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް މިއަދުގެ ބައްދަލުވުމަށް ވަޑައިނުގަންނަވައެވެ.

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:30 ގައެވެ. މިއަދުގެ ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކުގެ ބިލް ދިރާސާކުރެއްވުމަށް ހޮއްވެވި ޕެނަލްއިން ކޮމިޓީއަށް ހުށަހެޅި ރިޕޯޓުގެ 9 ވަނަ ނަންބަރު ބެއްލެވުމުގެ މަސައްކަތް ކުރިއަށްގެންދެވިއެވެ.

މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު ، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން،އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޣަފޫރު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަދި މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ އެވެ. މުލަކު ދައިރާގެ މެންބަރު އަބުދުﷲ ޔާމީން މިއަދުގެ ބައްދަލުވުމަށް ވަޑައިނުގަންނަވައެވެ.

25މުޙައްރަމް 1433

20ޑިސެމްބަރ 2011