އެމެރިކާއަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ މ. ވެސްޓް ސައިޑް އަލްފާޟިލް އަޙްމަދު ސަރީރުގެ ނަންފުޅު ޤައުމީ ސަލާމަތުގެ ކޮމިޓީން ނިންމަވާ މަޖިލީހަށް ހުށަހަޅުއްވާފައިވާ ގޮތަށް ފާސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 26 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެމަތިން ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝަށް ކަނޑައަޅާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު، މ. ވެސްޓް ސައިޑް އަލްފާޟިލް އަޙްމަދު ސަރީރު އެމެރިކާއަށް ކަނޑައަޅާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ޢައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ މަޝްވަރާއަކަށް އެދިހުށަހަޅުއްވާފައިވާތީ އެނަންފުޅު ދިރާސާކުރައްވައި ޤައުމީ ސަލާމަތުގެ ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވައިފިއެވެ. މިގޮތަށް ފާސްވީ އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ފެނިވަޑައިނުގަންނަވާ ކަމަށް 1 މެންބަރަކު ވޯޓުދެއްވާފައިވާއިރު 4  މެންބަރަކު ވަކިއަތަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ގަވައިދުގެ 171 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތިން މިމައްސަލައަށް ވާހަކަދެއްކެވުމަށް ފުރުޞަތު ހުޅުވާލެއްވުމުން 4 މެންބަރަކު ވާހަކަދައްކަވާފައިވެއެވެ.

ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު، މ. ވެސްޓް ސައިޑް އަލްފާޟިލް އަޙްމަދު ސަރީރު، އެމެރިކާއަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ މަޝްވަރާއަކަށް އެދި ހުށަހަޅުއްވާފައިވާ މައްސަލަ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވާފައިވަނީ 29 އޯގަސްޓް 2011 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 34 ވަނަ ޖަލްސާގައެވެ.

22 ނޮވެމްބަރ 2011 ގައި ބޭއްވުނު  ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު، މ. ވެސްޓް ސައިޑް އަލްފާޟިލް އަޙްމަދު ސަރީރު އެމެރިކާއަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ޢައްޔަންކުރެއްވުން އެންމެ ރަނގަޅުކަމުގައި މަޖިލީހަށް މަޝްވަރާއެރުވުމަށް ނިންމަވާފައިވެއެވެ.