ބަންގްލަދޭޝަށްް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ގ. އުތުރުގެއާގެ އަލްފާޟިލް މުޙަންމަދު ޚަލީލްގެެ ނަންފުޅު ޤައުމީ ސަލާމަތުގެ ކޮމިޓީން ނިންމަވާ މަޖިލީހަށް ހުށަހަޅުއްވާފައިވާ ގޮތަށް ފާސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 26 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެމަތިން ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު، ގ. އުތުރުގެއާގެ އަލްފާޟިލް މުޙަންމަދު ޚަލީލް ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝަށް ކަނޑައަޅާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ޢައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ މަޝްވަރާއަކަށް އެދި ހުށަހަޅުއްވާފައިވާތީ އެނަންފުޅު ދިރާސާކުރައްވައި ޤައުމީ ސަލާމަތުގެ ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓް ފާސްކުރައްވައިފިއެވެ. މިގޮތަށް ފާސްވީ އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ ތެރެއިން 62 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފެނިވަޑައިނުގަންނަވާ ކަމަށް 4 މެންބަރަކު ވޯޓުދެއްވާފައިވާއިރު، 5 މެންބަރަކު ވަކިފަރާތަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާގައި މިމައްސަލަ ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް  މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް ހުށަހަޅުއްވައިދެއްވައި ނިމުމުން މަޖިލީހުގެ ގަވައިދުގެ 171 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތިން މިމައްސަލައަށް ވާހަކަދެއްކެވުމަށް ފުރުޞަތު ހުޅުވާލެއްވުމުން 4 މެންބަރުން ވާހަކަދައްކަވާފާއިވެއެވެ.

ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު، ގ. އުތުރުގެއާގެ އަލްފާޟިލް މުޙަންމަދު ޙަލީލް، ޕީޕަލްސް ރިޕަބްލިކް އޮފް ބަންގަލަދޭޝްއަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ މަޝްވަރާއަކަށް އެދި ހުށަހަޅުއްވާފައިވާ މައްސަލަ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވާފައިވަނީ 29 އޯގަސްޓް 2011 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 34 ވަނަ ޖަލްސާގައެވެ. އަދި 22 ނޮވެމްބަރު 2011 ގައި ބޭއްވުނު ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު، ގ.އުތުރުގެއާގެ އަލްފާޟިލް މުހަންމަދު ޚަލީލް ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްއަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ޢައްޔަންކުރެއްވުން އެންމެ ރަނގަޅުކަމުގައި މަޖިލީހަށް މަޝްވަރާއެރުވުމަށް ނިންމަވާފައިވެއެވެ.