މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑްގެ މާލީ ޙާލަތު، މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓަށް ބަހުސްކުރެއްވުން ކުރިއަށް ގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 26 ވަނަ ޖަލްސާގައި، މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑްގެ ބައެއް ދަރަނި ދެއްކުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ / ޚާއްޞަ ބަޖެޓްގެ ދަށުން 2009 އަދި 2010 ވަނަ އަހަރުގެ ކޮންޓިންޖެންސީ އައިޓަމުން ބޮޑެތި ޚަރަދުތަކެއް ކުރެވިފައިވާތީ، މާލިއްޔަތު ކޮމިޓީން އެ ކުންފުނީގެ މާލީ ޙާލަތު ދިރާސާކުރެއްވުމަށްފަހު، އެ ކުންފުންޏާމެދު ޢަމަލުކުރާނެ ގޮތަކާމެދު ކޮމިޓީން ނިންމެވި ގޮތުގެ ރިޕޯޓަށް ބަހުސްކުރެއްވުން ކުރިއަށް ގެންދަވައިފިއެވެ. މިގޮތުން މިއަދުގެ ޖަލްސާގައި މިމައްސަލައަށް 9 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

މާލިއްޔަތު ކޮމިޓީގެ 2010 ވަނަ އަހަރުގެ 63 ވަނަ ބައްދަލުވުމުގައި އެމް.އެން.އެސް.އެލްގެ މާލީ ޙާލަތާއި ގުޅޭގޮތުން ބަހުސްކުރެއްވުމަށްފަހު ނިންމަވާފައިވަނީ އެމް.އެން.އެސް.އެލް ޕްރައިވެޓައިޒް ކުރުމަށް ނުވަތަ އެ ކުންފުނި ގަންނާނެ ފަރާތެއް ނުވިނަމަ، ކުންފުނި ލިކުއިޑޭޓް ކޮށް، އެ ކުންފުނީގެ ވިޔަފާރި ހުއްޓާލުމަށް ފެނިވަޑައިގަންނަވާކަމަށެވެ. މިގޮތަށް ނިންމަވާފައިވަނީ މެދުނުކެޑި ކޮންމެ އަހަރަކު ބަޖެޓުން ފައިސާ ޕަމްޕު ކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމަކަށް ނުވާތީއާއި، ކުންފުންޏަށް އިތުރަށް ގެއްލުންވުމުން ދައުލަތުގެ މާލިއްޔާ ޙިމާޔަތް ކުރުމުގެ ބޭނުމުގައި ކަމަށް ރިޕޯޓްގައި ފާހަގަކުރައްވާފައި ވެއެވެ.

 

25 މުހައްރަމް 1433

20 ޑިސެމްބަރ 2011