ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒްގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ހ. ލަންޓަން ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ނަންފުޅަށް ރުހުންދެއްވަން ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 25 ވަނަ ޖަލްސާގައި ނިންމަވައިފިއެވެ.
މިގޮތުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒްގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ހ. ލަންޓަން ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ނަންފުޅަށް ރުހުންދެއްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވާފައިވަނީ 38 މެންބަރުންނެވެ. 35 މެންބަރަކު ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވާއިރު، އެއްވެސް މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
މިއަދުގެ ޖަލްސާގައި ހ.ލަންޓަން ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ނަންފުޅު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ، ކޮމިޓީގެ މުޤައްރިރު ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖްތާޒްއެވެ. ކޮމިޓީގެ ރިޕޯޓް ހުށަހަޅުއްވައިދެއްވައި ނިމުމުން، މިމައްސަލައަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 171 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތިން ބަހުސް ކުރެއްވުމަށް ފުރުޞަތު ހުޅުވާލެއްވުމުން 4 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.
24 މުހައްރަމް 1433
19 ޑިސެމްބަރ 2011