ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 25 ވަނަ ޖަލްސާގައި، ޤައުމީ ޞިއްޙީ ފަރުވާގެ އިންޝުއަރެންސާބެހޭ ބިލަށް ހުށަހެޅިފައިވާ އިޞްލާޙުތަކަށް ވޯޓަށް އެއްސެވުން ކުރިއަށް ގެންދަވައިފިއެވެ.
މިއަދުގެ ޖަލްސާ ރިއާސަތުން ނިންމަވާ ލެއްވިއިރު، ޤައުމީ ޞިއްޙީ ފަރުވާގެ އިންޝުއަރެންސާބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 83 ވަނަ މާއްދާގެ (ހ) ގެ ދަށުން 15 އިޞްލާހަކަށް ވޯޓަށް އައްސަވައި 2 އިޞްލާހެއް ފާސްވެފައިވެއެވެ. އަދި ބިލުގެ 33 ވަނަ މާއްދާގެ (ކ) އިސްލާޙު ކުރުމަށް ހުށަހަޅުއްވާފައިވާއިރު ހަމަ މިމާއްދާ އުނިކުރުމަށްވެސް ހުށަހަޅުއްވާފައިވާތީ، މަޖިލީހުގައި ޢަމަލުކުރަމުންދާ އުޞޫލުގެ މަތިން، މިމާއްދާ އުނިކުރުމަށް ވޯޓަށް އައްސަވައި ފާސްވެފައިވެއެވެ.
ޤައުމީ ސިއްޙީ ފަރުވާގެ އިންޝުއަރެންސާބެހޭ ބިލް މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، 07 ޖޫން 2010 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 1 ވަނަ ޖަލްސާގައެވެ. އެ ބިލާމެދު މަޖިލީހުގެ ޖަލްސާގައި ބަހުސްކުރެއްވުމަށްފަހު ނިންމެވީ، މަޖިލީހުގައި މެންބަރުން ފާޅުކުރެއްވި ޚިޔާލުފުޅުގެ އަލީގައި އެ ބިލު އިޞްލާޙުކުރެއްވުމަށްޓަކައި 11 މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުއްވުމަށެވެ. އަދި ކޮމިޓީގެ މަސައްކަތް ނިންމެވީ، 25 އޮގަސްޓް 2011 ގައި ބޭއްވުނު ކޮމިޓީގެ 20 ވަނަ ބައްދަލުވުމުގައެވެ.
24 މުހައްރަމް 1433
19 ޑިސެމްބަރ 2011