ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބިލަށް އިޞްލާހު ހުށަހަޅުއްވައި، މިބިލުގެ ތިންވަނަ ކިޔުން އިއްވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 25 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބިލަށް އިޞްލާހު ހުށަހަޅުއްވައި، މިބިލުގެ ތިންވަނަ ކިޔުން އިއްވައިފިއެވެ.

މިގޮތުން މިއަދުގެ ޖަލްސާގައި މިބިލު ޤައުމީ ތަރައްޤީގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު، އެކޮމިޓީގެ މެންބަރު އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު ހުށަހަޅުއްވައިދެއްވިއެވެ. މިރިޕޯޓް ހުށަހަޅުއްވައިދެއްވައި ނިމުމުން ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 83 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން 9 އިޞްލާޙެއް ހުށަހެޅުނެވެ. އަދި މިބިލަށް ވޯޓަށް އެއްސެވުމުގެ ކުރިން ބިލާމެދު ކުރެވޭ އެންމެފަހުގެ ބަހުސްގެ މަރުހަލާގައި މިބިލަށް ވާހަކަދެއްކެވުމަށް އެއްވެސް މެންބަރެއް ފުރުޞަތަށް އެދިވަޑައިގެންފައިނުވާތީ، ބިލުގެ ތިންވަނަ ކިއުން އިއްވެވިއެވެ.

ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ 13 ޖުލައި 2010 ގައި އޮތް 2010 ވަނަ އަހަރުގެ 2 ވަނަ ދައުރުގެ 17 ވަނަ ޖަލްސާގައެވެެ. އެ ބިލާމެދު މަޖިލީހުގައި ބަހުސްކުރެއްވުމަށްފަހު، މެންބަރުން ފާޅުކުރެއްވި ޚިޔާލުތަކުގެ އަލީގައި އެ ބިލު އިޞްލާޙުކުރެއްވުމަށްޓަކައި ޤައުމީ ތަރައްޤީގެ ކޮމިޓީއަށް ފޮނުއްވުމަށް ނިންމެވީ 16 އޯގަސްޓް 2010 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ 2 ވަނަ ދައުރުގެ 28 ވަނަ ޖަލްސާގައެވެ. ބިލުގެ މަސައްކަތް ނިންމެވީ 1 ޑިސެމްބަރ 2011 ގައި ބޭއްވެވި އެކޮމިޓީގެ 30 ވަނަ ބައްދަލުވުމުގައެވެ.