ޕާލިމެންޓަރީ ޔޫނިއަން އޮފް ދި އޯ.އައި.ސީ މެންބަރ ސްޓޭޓްސް (ޕީ.ޔޫ.އައި.ސީ) ގައި ބައިވެރިވުމަށް މަޖިލީހުން ފާސްކުރައްވައިފި

ދުނިޔޭގެ އިސްލާމީ ޖަމިއްޔާއެއްކަމުގައިވާ ޕާލިމެންޓަރީ ޔޫނިއަން އޮފް ދި އޯ.އައި.ސީ މެންބަރ ސްޓޭޓްސް (ޕީ.ޔޫ.އައި.ސީ) ގައި ބައިވެރިވުމާމެދު ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީގެ ލަފާފުޅަކަށް އެދިވަޑައިގެން ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމަށްފަހު، ޢާންމު ކޮމިޓީން ނިންމެވިގޮތަށް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި ފާސްކުރައްވައިފިއެވެ.

ޕީ.ޔޫ.އައި.ސީ ގައި ބައިވެރިވުމަށް ފެނިވަޑައިގަންނަވާކަމަށް ފާސްކުރައްވާފައިވަނީ މިއަދުގެ ޖަލްސާއަށް ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެންބަރުންގެ އިއްތިފާޤުންނެވެ.

ޕީ.ޔޫ.އައި.ސީ ގައި ރައްޔިތުންގެ މަޖިލީހުން ބައިވެރިވުމާމެދު ލަފާފުޅަކަށް އެދިވަޑައިގެން މަޖިލީހުގެ ޢާންމު ކޮމިޓީ އަށް ފޮނުއްވާފައިވަނީ މަޖިލީހުގެ ރައީސްގެ އިސްނެންގެވުމެއްގެ މަތިންނެވެ. ޕީ.ޔޫ.އައި.ސީގެ ފުރިހަމަ މެންބަރަކަށްވުމަށް މަޖިލީހުން މިއަދު ފާސްކުރެއްވުމުގެ ކުރިން އެ ޖަމްޢިއްޔާގެ ތަފާތު އެކިއެކި ޙަރަކާތްތަކުގައި ރައްޔިތުންގެ މަޖިލީހުން ގެންދަނީ ބައިވެރިވަމުންނެވެ. އެހެންކަމާއެކު މިޖަމްޢިއްޔާގެ ފުރިހަމަ މެންބަރަކަށް ވުމުން އެކަމުގެ ގިނަގުނަ ފައިދާތަކެއް މަޖިލީހަށާއި މަޖިލީހުގެ މަސައްކަތްތަކަށް ލިބިގެންދާނެކަމުގައި މަޖިލީހުގެ ރައީސް ދެކެވަޑައިގަންނަވައެވެ.

ޕީ.ޔޫ.އައި.ސީ އެކުލަވާލާފައިވަނީ އޯގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޮންފަރެންސް (އޯ.އައި.ސީ) ގެ މެންބަރު ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލީސްތަކުގެ މައްޗަށެވެ.

18 މުހައްރަމް 1433

13 ޑިސެމްބަރ 2011