ކައުންސެލް ޖެނެރަލް ގެ މަޤާމަށް ހ.އަނދުންގޭ އަލްއުސްތާޛާ ފާތުމަތު ފިލްޒާ މަޖިލީހުން ޢައްޔަންކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކައުންސެލް ޖެނެރަލް ގެ މަޤާމަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހ.އަނދުންގޭ އަލްއުސްތާޛާ ފާތުމަތު ފިލްޒާ ރައްޔިތުންގެ މަޖިލީހުން ޢައްޔަމްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި ކައުންސެލް ޖެނެރަލްގެ މަގާމަށް ބޭފުޅަކު ހަމަޖެއްސެވުމުގެ މައްސަލަ ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅުއްވާ މައްސަލައެއްގެ ގޮތުގައެވެ.

މަޖިލީހުގެ ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ އަމީންޢާންމު، ސަރޖަންޓް-އެޓް-އާމްސް އަދި ކައުންސެލް ޖެނެރަލްގެ މަޤާމަށް މީހުން ޢައްޔަންކުރާނީ، އެމަޤާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް މަޖިލީހުގެ ރައީސް ހުޅުވާލުމުން، ކުރިމަތިލާ މީހުންގެ ތެރެއިން، ކޮންމެ މަޤާމަކަށް ޝަރުތު ފުރިހަމަވާކަމަށް މަޖިލީހުގެ ރައީސަށް ފެންނަ 3 ނަމެއް މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްވުމުންކަމުގައެވެ. މިގޮތުން މިއަދުގެ ޖަލްސާއަށް ހުށަހެޅުނު ނަންފުޅުތައް ތަރުތީބުކުރެވުނީ ކައުންސެލް ޖެނެރަލްގެ މަޤާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން މަޖިލީހަށް ހުށަހަޅުއްވާނެ ނަންފުޅުތަކާމެދު މަޖިލީހުގެ ރައީސަށް ލަފާއެރުވުމަށްޓަކައި އެކުލަވާލެއްވި ކުޑަ ކޮމިޓީއަކުންނެވެ.

ކައުންސެލް ޖެނެރަލްގެ މަގާމަކީ މަޖިލީހުގެ ގަވާއިދުގައި ބަޔާން ކުރާގޮތުން މަޖިލީހުގެ އޮފިސަރުންގެ ތެރޭގައި ހިމެނޭ މަގާމެކެވެ. މިއަދުގެ ޖަލްސާގައި އަލްއުސްތާޛް ފާތުމަތު ފިލްޒާ އެމަގާމަށް ޢައްޔަންކުރެވުނީ އެވަގުތު ޖަލްސާއަށް ވަޑައިގެން ވޯޓުގައި ބައިވެރިވަޑައިގެންނެވި 70 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ގަވާއިދުގެ 15 (ހ) ގައި ބަޔާންކުރާގޮތުން ކައުންސެލް ޖެނެރަލްގެ މަސްއޫލިއްޔަތަކީ މަޖިލީހަށް ޤާނޫނީ ލަފާދީ، ޤާނޫނީގޮތުން މަޖިލިސް ތަމްސީލުކުރަންޖެހޭ ޙާލަތްތަކުގައި މަޖިލިސް ތަމްސީލް ކުރުމެވެ.

18 މުހައްރަމް 1433

13 ޑިސެމްބަރ 2011