ޤައުމީ ޞިއްޙީ ފަރުވާގެ އިންޝުއަރެންސާބެހޭ ބިލަށް އިޞްލާހު ހުށަހަޅުއްވައިފި

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި ޤައުމީ ޞިއްޙީ ފަރުވާގެ އިންޝުއަރެންސާބެހޭ ބިލަށް މަޖިލީހުގެ ގަވައިދުގެ 83 ވަނާ މާއްދާގެ (ހ) ގެ ދަށުން 35 އިޞްލާޙު، (ށ) ގެ ދަށުން 15 އިޞްލާޙު އަދި (ނ) ގެ ދަށުން 14 އިޞްލާހު ހުށަހަޅުއްވައިފިއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ޤާނޫނު ނަންބަރު 6/2008 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އަދި ޖަދުވަލު 2 ގައިވާ ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން ގަވާއިދު ކޮމިޓީން ދިރާސާކުރައްވައި މައްސަލަ ނިންމެވިގޮތުގެ ރިޕޯޓާއި، ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދު، ޤާނޫނު ނަންބަރު 6/2008 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލް 1 ގައި ހިމެނުމާ ބެހޭގޮތުން ގަވާއިދު ކޮމިޓީން ދިރާސާކުރައްވައި މައްސަލަ ނިންމެވިގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވުމުން، މި 2 ރިޕޯޓަށް ޖުމްލަ 4 މެންބަރުން ވާހަކަދައްކަވާފައިވެއެވެ. މިދެރިޕޯޓްގެ ބަހުސްގެ މަރުހަލާގައި ރިޕޯޓް ހުށަހެޅުއްވި ގޮތަށް ފާސްކުރެއްވުމަށް ހުށަހެޅުމުން ހުށަހެޅި ތާޢީދުލިބިފައިވެއެވެ.

މިއަދުގެ ޖަލްސާގައި 21 ނޮވެމްބަރ 2011 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ 13 ވަނަ ޖަލްސާގައި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ އެކުލަވާލުމަށްޓަކައި މަޖިލީހުން ފާސްކުރެއްވި ފާސްކުރެއްވުމާ ގުޅިގެން، އެކޮމިޓީގައި ޕާޓީތަކުން މެންބަރުން ހިމެނިފައިވާ ގޮތާއި، މަޖިލީހުގެ ގަވާއިދުގެ 111 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންނާމެދު މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑިަރު އެއްބަސްވެވަޑައިގެންނެވި ގޮތުގެ މަތިން، ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ އެކުލަވާލެވިފައިވާ ގޮތް މަޖިލީހުން ފާސްކުރައްވާފައިވެއެވެ.

މީގެއިތުުރުން މިއަދުގެ ޖަލްސާގައި ޤާނޫނު ނަމްބަރ 2/2005 (ވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނު)ގެ ދަށުން މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް މުޙަންމަދު އަސްލަމް އާ ސުވާލުކުރެއްވުން އޮތެވެ. މި ސުވާލަށް ވަޒީރު ދެއްވި ޖަވާބާއި ގުޅިގެން އިތުރު ސުވާލުކުރުމުގެ ވަގުތުގެ ތެރޭގައި 11 މެންބަރަކު ސުވާލު ކުރައްވާފައިވެއެވެ.