އެކިއެކި ކޮމިޓީތަކުން ހުށަހަޅަން ހުރި މައްސަލަތަކަށް އިސްކަން ދިނުމުގެ ގޮތުން އެޖެންޑާގައިވާ އެހެން އައިޓަމްތަކުގެ ކުރިއަށް ކޮމިޓިތަކުން ހުށަހަޅާ ކަންކަން ތަރުތީބުކޮށް މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ މަޖިލީހުގެ ރައީސަށް ދިނުމަށް މަޖިލީހުން ފާސް ކުރައްވައިފިި

ރައްޔިތުންގެ މަޖލީހުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ކޮންމެ ދުވަހަކެވެސް މަޖިލީހުގެ ތަފާތު މަސައްކަތްތައް ތަރުތީބު ކުރެވޭނެ ގޮތްކަމުގައި ބަޔާން ކޮށްފައިވާ ތަރުތީބުގެ (ރ)ގައި ބަޔާންކުރާ، ކޮމިޓީތަކުން ހުށަހަޅާފައިވާ ބިލުތަކަށް އިސްކަންދިނުމުގެ ގޮތުންނާއި މަޖިލީހުގެ ގަވައިދުގެ 28 ވަނަ މާއްދާގެ (ނ)ގައި ބަޔާންކުރާ ގޮތުގެ މަތިން އެކިއެކި ކޮމިޓީތަކުން ހުށަހަޅަންހުރި މައްސަލަތަކަށް އިސްކަންދިނުމުގެ ގޮތުންެ އެޖެންޑާގައިވާ އެހެން އައިޓަމްތަކުގެ ކުރިއަށް ކޮމިޓީތަކުން ހުށަހަޅާ ކަންކަން ތަރުތީބުކޮށް މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ މަޖިލީހުގެ ރައީސަށް ދިނުމަށް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރައްވައިފިއެވެ. މިގޮތަށް މިއަދުގެެ ޖަލްސާގައި ފާސްކުރައްވާފައިވަނީ އެވަގުތު ޖަލްސާއަށް ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 39 މެންބަރުންގެ ތެރެއިން 29 މެންބަރުން އަޢުލަބިއްޔަތުންނެވެ. މިމައްސަލައަކީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ މައްސަލައެއްގެ ގޮތުގައި ހުށަހެޅުނު މައްސަލައެކެވެ.

މަޖިލީހުގެ މިދައުރަކީ މިއަހަރުގެ އެންމެ ފަހު ދަރުކަމަށް ވުމާއެކު މިދައުރުގައި ބާކީ މިހާރު އޮތީ މަދު ދުވަސްކޮޅަކަށް ވުމާއެކު މިމައްސަލަ މަޖިލީހުގެ ރިއާސަތުން މިއަދު ހުށަހެޅުއްވީ މަޖިލީހުގެ ތަފާތު އެކި ކޮމިޓީ ތަކުން ގިނަ އަދަދެއްގެ ބިލާއި މައްސަލައިގެ ރިޕޯޓް ލިބިފައިވުމާއެކު މިދައުރު ނިމުމުގެ ކުރިން އެރިޕޯޓްތައް މަޖިލީހުން ނިންމުމުގެ މަޤްސަދުގައެވެ.

މިއަދާއި ހަމައަށް އެކިއެކި ކޮމިޓީތަކުން 16 ރިޕޯޓެއް މަޖިލީހުގެ ރައީސަށް ފޮނުއްވާފައިވުމާއެކު، މަޖިލީހުގެ ގަވައިދުގެ 27 ވަނަ މާއްދާގައި ބަޔާންކުރާ ތަރުތީބުން މަޖިލީހުގެ މަސައްކަތް ތަރުތީބުކޮށް މަޖިލީހުގެ ގަވައިދުގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަގުތުތަކަށް މަސައްކަތް ތަރުތީބުކުރުމުން ކޮމިޓީތަކުން ހުށަހަޅާ ރިޕޯޓްތަކަށްވެސް ކޮންމެ ޖަލްސާއެއްގައި ދެވޭނީ ގިނަވެގެން 1 ގަޑިއިރުގެ ފުރުޞަތު ކަމަށް ވުމާއެކު މިދައުރުގެ ތެރޭގައި ކޮމިޓީއިން ނިންމަވަމުން ގެންދަވާ ބިލުތަކާއި މައްސަލަތަކުގެ ރިޕޯޓްތަކަށް އިސްކަންދީގެން މަސައްކަތް ތަރުތީބުކުރުމުގެ ހުއްދަ މަޖިލީހުގެ ރައީސްއަށް މަޖިލީހުން ދެއްވުމުން ރިޕޯޓްތަކަށް ދެވޭ ވަގުތު އިތުރުވެ މަޖިލީހުން ނިންމޭ ކަންކަން އިތުރުވެގެން ދާނެއެވެ.

މަޖިލީހުން މިއަދު މިހުއްދަ މަޖިލީހުގެ ރައީސްއަށް ދެއްވުމުގެ ސަބަބުން ކޮމިޓީތަކުން ހުށަހަޅާފައިވާ ކަންކަމުގެ ތެރެއިން 3 ކަމެއްގެ ބަހުސް ނިންމަވައި ވޯޓާހަމައަށް ވަނީ މިއަދު ގެންދެވިފައެވެ. މަޖިލީހުން ދެއްވި ހުއްދައާ އެކު މާދަމާވެސް މަޖިލީހުގައި ކުރިއަށް ގެންދެވޭނީ ރިޕޯޓްތައް ހުށަހެޅުއްވުމުގެ މަސައްކަތެވެ.

މިއަހަރު ތެރޭގައި މަޖިލީހުން މިހާތަނަށް 7 ބިލެއް ފާސްކުރައްވައިފިއެވެ.

 

17 މުހައްރަމް 1433

12 ޑިސެމްބަރ 2011