2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސް ނިންމަވާލައްވައިފި

މިއަދު ބޭއްވުނު 2011 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި 2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާބެހޭ ބަހުސް ނިންމަވާލައްވައިފިއެވެ.

2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސްގެމަރުޙަލާގައި ޖުމްލަ 61 މެންބަރުން ވާހަކަދައްކަވާފައިވެއެވެ. ބަޖެޓްގެ ބަހުސް ބޭއްވުނު 3 ދުވަހުގެ ތެރޭގައި ޖުމްލަ 14 ގަޑިއިރާއި 6 މިނެޓް ބަޖެޓްގެ ބަހުސަށް މެންބަރުން ހޭދަކުރައްވާފައިވެއެވެ.

2012 ވަނަ އަހަރަށް ލަފާ ކުރައްވާ ދައުލަތުގެ ބަޖެޓް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ 28 ނޮވެމްބަރ 2011 ވީ ހޯމަދުވަހު ބޭއްވުނު މިއަހަރުގެ ތިންވަނަ ދައުރުގެ ސޯޅަވަނަ ޖަލްސާގައެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 179 ވަނަ މާއްދާގެ (ބ) ގައި ބަޖެޓުގެ ބަހުސް ކުރިއަށް ގެންދަންވާނީ ބަޖެޓް ހުށަހަޅާ ތާރީޚުން ފެށިގެން 7 ދުވަހުގެ މުއްދަތު ދިނުމަށް ފަހުގައި ކަމަށްވަނީ ބަޔާން ކޮށްފައެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ (ޅ) ގެ ދަށުން ބަޖެޓާބެހޭގޮތުން މެންބަރުން ފާޅުކުރެއްވި ޚިޔާލުތައް ބަޖެޓް ދިރާސާކުރައްވާ ކޮމިޓީއަށް ފޮނުއްވާނެކަމަށް މަޖިލީހުގެ ރިޔާސަތުން އިއުލާނު ކުރައްވާފައިވެއެވެ. މީގެއިތުރުން މިއަދު ބޭއްވުނު ޖަލްސާއަކީ 17 ވަނަ މަޖިލީހުގައި ބޭއްވުނު އެންމެ ދިގު ޖަލްސާކަންވެސް ރިޔާސަތުން ފާހަގަކުރައްވާފައިވެއެވެ. މިގޮތުން ޖަލްސާ 9 ގަޑިއިރާއި 48 މިނެޓަށް ދެމިގެންގޮސްފައިވެއެވެ.

މިއަދުގެ ޖަލްސާގައި، 2009 ވަނަ އަހަރުގެ މެދެއްހާ ތާނގައި ހައްދުންމަތީ މާވަށުގައި “ގަރުދިޔަމަސް ފެކްޓްރީއެއް” ބިނާކުރެއްވުމުގެ ޢަމަލީ މަސައްކަތް ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާއިރު، އެ މަސައްކަތަށް އިންވެސްޓަރުން ހޯއްދެއްވުމުގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ މިންވަރެއް ސާފުކޮށްދެއްވުމަށް އަދި އިންވެސްޓަރުން ހޯއްދަވައިގެން ނުވަތަ ސީދާ ސަރުކާރުން ނަމަވެސް މި މަސައްކަތް ފަށްޓަވަން ކަނޑައަޅުއްވާފައިވާ ތާރީޚް އޮޅުންފިލުއްވައިދެއްވުމަށް މާވަށު ދާއިރާގެ މެންބަރު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް މަޙްމޫދު ރާޒީއާ ކުރައްވާ ސުވާލުކުރެއްވުން އޮތެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 12 ޑިސެމްބަރ 2011 ވާ ހޯމަދުވަހު ހެނދުނު 9 ޖަހާއިރުއެވެ.

12 މުހައްރަމް 1433

7 ޑިސެމްބަރ 2011