“ޔޫތް ލީޑަރޝިޕް ޕްރޮގްރާމް 2011″ ގެ ބައިވެރިން މިއަދު ރައްޔިތުންގެ މަޖިލީސްކުރާގެއަށް ޒިޔާރަތްކުރައްވައިފި

އަމިއްލަ ޖަމްޢިއްޔާއެއްކަމުގައިވާ ޑިމޮކްރަސީ ހައުސް އިން އިސްނަގައިގެން، ރައްޔިތުންގެ މަޖިލީހާއި ގުޅިގެން ބާއްވާ “ޔޫތް ލީޑަރޝިޕް ޕްރޮގްރާމް 2011″ ގެ ބައިވެރިން މިއަދު ރައްޔިތުންގެ މަޖިލީސްކުރާގެއަށް ޒިޔާރަތްކުރައްވައިފިއެވެ.

މިގޮތުން މި ޕްރޮގްރާމްގައި ބައިވެރިވާ 40 ޒުވާނުންވަނީ 2011 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 21 ވަނަ ޖަލްސާ ހިނގަމުންދާގޮތް ބައްލަވާލައްވާފައެވެ. މީގެއިތުރުން އެވަގުތު މަޖިލީހުގައި ހިނގަމުންދިޔަ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީ އަށް ޒިޔާރަތްކުރައްވައި ކޮމިޓީގެ ބައްދަލުވުން ބައްލަވާލެއްވިއެވެ.

2010 ވަނަ އަހަރުން ފެށިގެން މަޖިލީހުގެ އެއްބާރުލުމާއެކު ޑިމޮކްރަސީ ހައުސްއިން ކުރިއަށްގެންދަވާ މި މިޕްރޮގްރާމް މިއަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ މަހުގެ 19 ވަނަ ދުވަހުން ފެށިގެން މިމަހު 10 ގެ ނިޔަލަށެވެ. މި ޕްރޮގްރާމްގެ ބައިވެރިން މޮކް ޕާލިމެންޓެއް ހުށަހަޅައިދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މޮކް ޕާލަމަންޓްގެ ރިކޯޑިންގް އެމް.އެން.ބީ.ސީ ވަން އިން ފޮނުވުމަށް މަޖިލީހުން ވަނީ ނިންމާފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ޒުވާނުންގެ ތެރެއިން އެންމެ ރަނގަޅު 2 ޒުވާނަކަށް ކޮމަންވެލްތް ދުވަސް ފާހަގަކުރުމަށް ކޮމަންވެލްތް ޕާލަމަންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ.) އިން އިންތިޒާމްކުރައްވައިގެން ބާއްވަވާ ޙަރަކާތްތަކުގައި ބައިވެރިވުމަށް އިނގިރޭސިވިލާތަށް ދިޔުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

12 މުހައްރަމް 1433

7 ޑިސެމްބަރ 2011