ރައްޔިތުންގެ މަޖިލީހުގެ 4 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ 4 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފިއެވެ. އެއީ ޢާންމު ކޮމިޓީއާއި އިޖްތިމާޢީ ކޮމިޓީއާއި، ގަވާއިދު ކޮމިޓީއާއި 2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރެއްވުމަށް އެކުލަވާލެއްވި ކޮމިޓީއެވެ. ނަމަވެސް 2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރެއްވުމަށް އެކުލަވާލެއްވި ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

ޢާންމު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 9:35 ން 10:30 އަށެވެ. މި ބައްދަލުވުމުގައި، ޕާލިމެންޓަރީ ސަރވިސްގެ މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑު އިސްލާޙު ކުރެއްވުމަށްފަހު ހުށަހަޅުއްވާފައިވާ ޑްރާފްޓް ދިރާސާކުރެއްވިއެވެ. އަދި މި މައްސަލަ އިތުރަށް ދިރާސާކުރެއްވުމަށްޓަކައި އެޗް.އާރް ޕެނަލްގެ ބޭފުޅުންނާ މަޝްވަރާކުރެއްވުމަށްފަހު، މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ހުށަހަޅުއްވާ، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުހުސިން ޙަމީދު ތާޢީދުކުރައްވާ ކޮމިޓީއަށް ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ޕާލިމެންޓަރީ ސަރވިސްގެ މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑަށް ގެނައި އިޞްލާޙުތަކާއެކު ފާސްކުރެއްވިއެވެ. މިކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، މެދު ހެންވޭރު ދާއިރާގެ ޢަލީ ޢާޒިމް، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުހުސިން ޙަމީދު، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރުއެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީ، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ޞާލިޙު، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމްއެވެ. ކުޑަ ހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރުު ހުންނެވީ ސަލާމުގައެވެ.

އިޖްތިމާޢީ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:15 ން 12:04 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި މަސްތުވާތަކެއްޗާ ބެހޭ ބިލުގެ 51 ވަނަ މާއްދާގެ (ހ) (ށ) އަދި 52 ވަނަ މާއްދާގެ (ހ) އިސްލާހު ކުރެއްވާ ކޮމިޓީއިން ފާސްކުރެއްވިއެވެ. އަދި 7 ވަނަ ބާބުން ފެށިގެން 16 ވަނަ ބާބާއި ދެމެދު ހުރި ބައިތަކާ ގުޅޭ ގޮތުން ޚިޔާލު ހޯދުމަށް ސިޔާސީ ޕާޓިތަކަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ. މީގެ އިތުރުން މިހާރު ކޮމިޓިއަށް ފޮނުވާފައިވާ ބިލުތަކުގެ ސުންގަޑި ކަނޑަ އެޅުއްވުންވެސް ކުރިއަށްގެންދެވިއެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލްޣަފޫރު،ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު،މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤް، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދުއެވެ. މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙަންމަދު، ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ކޮމިޓީއަށް ވަޑައިގެންފައެއް ނުވެއެވެ. ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙުމުޙަންމަދާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައެވެ.

ގަވާއިދު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 12:40 ން 13:10 އަށެވެ. މިކޮމިޓީގެ ބައްދަލުވުމުގައި “އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަންވީ ދުވެއްޔާބެހޭ ގަވާއިދު” އާއި “އިސްތިސްނާކުރެވޭ އެއްގަމު އުޅަނދުތަކާއި ބެހޭ ގަވާއިދު” ގެ މާއްދާއަކުން މާއްދާއަކުން ބައްލަވައި ދެ ގަވާއިދުގެވެސް ރަނގަޅުކަމުގައި ކޮމިޓީއަށް ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ. މިކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީ، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް،ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދްއެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމްއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2012 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރެއްވުމަށް ހޮއްވެވި ސަބް ކޮމިޓީގެ 2 ބައްދަލުވުމެއް ބޭއްވިފައިވެއެވެ. މިގޮތުން ފުރަތަމަ ބައްދަލުވުން ބޭއްވިފައިވަނީ 12:00 އިން 13:00 ށެވެ. މިބައްދަލުވުމުގައި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2012 ވަނަ އަހަރަށް ލަފާކުރާ ބެޖެޓާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ދެވަނަ ބައްދަލުވުން ބޭއްވިފައިވަނީ  14:45 އިން 15:15 ށެވެ. މިބައްދަލުވުމުގައި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2012 ވަނަ އަހަރަށް ލަފާކުރާ ބެޖެޓާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އަދި މުޅި ބަޖެޓްގެ ޖުމްލަ ކުޑަކުރުމަށްފަހު، ސަބް ކޮމިޓީއަށް ރިޕޯޓް އެކުލަވާލެއްވުމަށް ހުށަހެޅި ތާޢީދު ލިބުނު ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި އޭރު ވަޑައިގެން ތިއްބެވި 3 މެންބަރުންގެ ތެެރެއިން 2 މެންބަރުންގެ ވޯޓުން ފާސްވިއެވެ.

މިދެބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުއެވެ. އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް ހުންނެވީ ޗުއްޓީގައެވެ.

10 މުހައްރަމް 1433

5 ޑިސެމްބަރ 2011