2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސް މާދަމާ ފަށްޓަވާނެ

2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސް މާދަމާ 5 ޑިސެމްބަރ 2011 ވާ ހޯމަދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފަށްޓަވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 179 ވަނަ މާއްދާގެ (ބ) ގައި ބަޖެޓުގެ ބަހުސް ކުރިއަށް ގެންދަންވާނީ ބަޖެޓް ހުށަހަޅާ ތާރީޚުން ފެށިގެން 7 ދުވަހުގެ މުއްދަތު ދިނުމަށް ފަހުގައި ކަމަށްވަނީ ބަޔާން ކޮށްފައެވެ. 2012 ވަނަ އަހަރަށް ލަފާ ކުރައްވާ ދައުލަތުގެ ބަޖެޓް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ 28 ނޮވެމްބަރ 2011 ވީ ހޯމަދުވަހު ބޭއްވުނު މިއަހަރުގެ ތިންވަނަ ދައުރުގެ ސޯޅަވަނަ ޖަލްސާގައެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 179 ވަނަ މާއްދާގެ (ށ) ގައި ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅާ ޖަލްސާގައި ބަޖެޓާބެހޭ ތަފްސީލް މަޖިލީހުގެ ރައީސް މެދުވެރިކޮށް މެންބަރުންނަށް ލިބޭނެ އިންތިޒާމް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ހަމަޖައްސަންވާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ.

މަޖިލީހުގެ ގަވައިދުގެ 179 ވަނަ މާއްދާގެ (ނ) ގައި ވަނީ މިމާއްދާގެ (ށ) ގައި ވާ ގޮތުގެ މަތިން މެންބަރުންނަށް ދެވޭ މަޢުލޫމާތުގެ އިތުރަށް މެންބަރަކު ވަކި މަޢުލޫމާތެއް ހޯދަން އެދިއްޖެ ހިދެއްގައި މިމާއްދާގެ (ބ) ގައި ބުނާ މުއްދަތުގެ ތެރޭގައި އެ މެންބަރަކަށް އެމަޢުލޫމާތެއް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ފޯރު ކޮށްދޭންވާނެ ކަމުގައެވެ.

9 މުހައްރަމް 1433

4 ޑިސެމްބަރ 2011