ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަޙުދުގެ ލިޔުމުގައި މިއަދު ސޮއި ކުރައްވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 104 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުގެ މަޤާމަށް މަޖިލީހުން އައްޔަންކުރެއްވި ގަލޮޅު ސިކަންދަރުގޭ އަލްއުސްތާޛު އަޙުމަދު މުޙަންމަދު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 11 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ޢަހުދުގެ ލިޔުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކުރިފުޅު މަތީގައި މިއަދު ހެނދުނު ސޮއިކުރައްވައި އެއަޙުދުގެ ލިއުން މަޖިލީހުގެ ރައީސަށް އަރުވައިފިއެވެ. މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެގޭގައި ބޭއްވުނު މި އަޙުދުގެ ލިޔުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަލްފާޟިލް އަޙްމަދު ނާޒިމް އާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ ކެންދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީ އާއި މައިނޯރިޓީ ލީޑަރ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަލްފާޟިލް މޫސާ މަނިކު އާއި އާއި ދިވެހި ޤައުމީ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕް ލީޑަރ ވިލުފުށި ދާއިރާގެ މެންބަރ އަލްފާޟިލް ރިޔާޟް ރަޝީދު އަދި ޖުމްހޫރީ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕް ލީޑަރ މާމިގިލި ދާއިރާގެ މެންބަރު އަލްފާޟިލް ޤާސިމް އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހަޔާތުގައި އަމީން ޢާންމަކު މަޖިލީހުން އައްޔަންކުރި މިއީ ފުރަތަމަ ފަހަރެވެ. މިއަދު އަމީން ޢާންމުކަމުގެ އަޙުދުގައި ސޮއި ކުރެއްވުމާ ގުޅިގެން މިއަދުން ފެށިގެން ދެން އިންތިޚާބު ކުރެވޭ އައު މަޖިލީހެއް ހޮވި އަމީން ޢާންމަކު އެމަޖިލީހުން ޢައްޔަން ކުރައްވަންދެން މިމަޤާމުގައި އަޙުމަދު މުޙަންމަދު ދެމިހުންނަވާނެއެވެ. އަލްއުސްތާޛު އަޙުމަދު މުޙަންމަދަކީ ލީބިޔާގެ ބެން ޣާޒީ ޔުނިވަރސިޓީއިން ޤާނޫނީ ދާއިރާއިން ފާސް ނަންގަވައިގެން ހުންނެވި ބޭފުޅެކެވެ. 14 ޖުލައި 2005 ން ފެށިގެން މިއަދާ ހަމައަށްވެސް އަމީން ޢާންމުގެ މަޤާމު ފުރުއްވަމުން ގެންދަވާފައިވެއެވެ. އޭގެކުރިން ހުންނެވީ މަދަނީ ކޯޓުގެ އިސް ޣާޒީގެ މަޤާމުގައެވެ. އަލްއުސްތާޛު އަޙުމަދު މުޙަންމަދު ދަޢުލަތަށް މެދުނުކެނޑި ޚިދުމަތްކުރައްވާތާ މިހާރުވަނީ 18 އަހަރު ފުރިފައެވެ.