ރައްޔިތުންގެ މަޖިލީހުގެ 6 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ 6 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފިއެވެ. އެއީ އިޤްތިޞާދީ ކަންކަމުގެ ކޮމިޓީއާއި، އިމްތިޔާޒް ކޮމިޓީއާއި އިޖްތިމާޢީ ކޮމިޓީއާއި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއާއި ގަވާއިދު ކޮމިޓީއާއި މާލިއްޔަތު ކޮމިޓީއެވެ.

އިޤްތިޞާދީ ކަންކަމުގެ ކޮމިޓީގެ 2 ބައްދަލުވުމެއް މިއަދު ބޭއްވިފައިވެއެވެ. ފުރަތަމަ ބައްދަލުވުން ބޭއްވިފައިވަނީ 9:40 ގައެވެ. މި ބައްދަލުވުމުގައި ‘ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ބިލު’ގެ 10 ވަނަ މާއްދާއިން ފައްޓަވައިގެން އެބިލުގެ 28 ވަނަ މާއްދާގެ ނިޔަލަށް ބެއްލެވިއެވެ.

އަދި މިކޮމިޓީގެ ދެވަނަ ބައްދަލުވުން ބޭއްވިފައިވަނީ 20:45 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި މިހާރު ކޮމިޓީއިން ސުންގަނޑި ކަނޑައަޅުއްވާފައިވާ ނަމަވެސް ތާރީޚް ފަހަނަ އަޅައި ދިޔައިރު ނުނިމިވާ 2 ބިލަކަށާއި 1 މައްސަލައަށް އަދި ކޮމިޓީއަށް 22 ނޮވެމްބަރ 2011 ގައި ފޮނުއްވާފައިވާ “ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ބިލް” އަށް ސުންގަނޑި ކަނޑައެޅުއްވުން ކުރިއަށް ގެންދެވިއެވެ. މި ގޮތުން މި ބިލުތަށް އަދި މައްސަލަ ނިންމާނެ ސުންގަނޑިއަކީ 30 ޑިސެމްބަރ 2011 ކަމުގައި ކޮމިޓީން ކަނޑައެޅުއްވިއެވެ. އެއަށްފަހު ދެން ކުރިއަށް ގެންދެވީ ‘ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ބިލު’ގެ މަސައްކަތެވެ. މިގޮތުން މިބިލުގެ 28 ވަނަ މާއްދާއިން ފެށިގެން ކުރިން ޕާކުކުރައްވާފައި ހުރި މާއްދާތަކާއި އެކު ބިލު ބައްލަވާ އިސްލާހުކުރައްވާފައިވެއެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް،ތިމަރަފުށި ދާއިރާގެ މެންބަރު މުޙަންމަދު މުޞްޠަފާ،މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު،ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލު، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީއެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ވިލިމާފަންނުދާއިރާގެ މެންބަރު އަހުމަދު ނިހާނު ހުސައިންމަނިކު، މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދުއެވެ. ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު ހުންނެވީ ޗުއްޓީގައެވެ.

އިމްތިޔާޒް ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 9:40 ގައެވެ. 29 ޖޫން 2010 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުން މޯލްޑިވްސް ޕޮލިސް ސާރވިސް އިން ބަންދުކުރައްވާފައިވާތީ އެމައްސަލަ ބެއްލެވުމަށް ނިންމެވިއެވެ. އަދި އަދި ހަމައެއާއެކު ކޮމިޓީއަށް އަމިއްލަ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަތައް ކޮމިޓީ ބައްދަލުވުން ނުފެށި މާ ގިނަ ދުވަސްވެފައި ވުމުން އެ މައްސަލަތައް އިތުރަށް ކުރިއަށް ގެންދަން ބޭނުންފުޅުވާތޯ ބަލަން މައްސަލަ ހުށަހަޅުއްވާފައިވާ ފަރާތްތަކަށް ސިޓީ ފޮނުވަން ނިންމެވިއެވެ. ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީ، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ، އުގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީ، މަތިވެރި ދާއިރާގެ މެންބަރު ޙުސެއިން މުޙަންމަދު، ފެލިދޫ ދާއިރާގެ މެންބަރު ޔުސުފް ނަޢީމް، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދުއެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު،ގުރައިދޫ ދާއިރާގެ މެންބަރު އަލްފާޟިލް އިބްރާހީމް ރިޒާއެވެ. ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އަދި ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް ހުންނެވީ ޗުއްޓީގައެވެ.

އިޖްތިމާޢީ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:20 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި މަސްތުވާތަކެއްޗާ ބެހޭ ބިލުގެ 26، 27، 28، 29، 46، 47، 48، 49، 50 ވަނަ މާއްދާ އާއި ހަމައަށް ބައްލަވާ އިސްލާހު ކުރެއްވުމަށްފަހު ކޮމިޓީ އިން ފާސް ކުރެއްވިއެވެ. އަދި މި ބިލުގެ 6 ވަނަ ބާބު ސަބް ކޮމިޓީއަކުން ފަހުން ބެއްލެވުމަށްވެސް ނިންމެވިއެވެ. ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލްޣަފޫރު، މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙަންމަދު، ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރަޝީދުއެވެ. ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު ކޮމިޓީއަށް ވަޑައިގަންނަވާފައެއް ނުވެއެވެ. އަދި މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤް، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު ހުންނެވީ ޗުއްޓީގައެވެ. ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙުމުޙަންމަދާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައެވެ.

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:20 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި ފުރަތަމަ މަޝްވަރާ ކުރެވުނީ ކޮމިޓީއަށް އެކިފަރާތްތަކުން ފޮނުއްވާފައިވާ މައްސަލަތަކާގުޅޭގޮތުންނާއި، މިގޮތުން ކޮމިޝަންތަކާ ގުޅޭގޮތުން އާންމު ފަރާތްތަކުން ފޮނުއްވާފައިވާ މައްސަލަތައް ކޮމިޓީއަށް އައިސްފައިވުމާއެކު އެ މައްސަލަތަކާބެހޭގޮތުންނެވެ. އެއަށްފަހު، ކޮމިޓީން ހޮއްވެވި ޕެނަލަކުން ސިޔާސީ ޕާޓީތަކުގެ ބިލުގައި ހިޔާލުތަފާތުވުންތައް އުފެދިފައިވާ މާއްދާތައް ބައްލަވައި  އެމާއްދާތަކާމެދު ހިޔާލުތަފާތުވެފައިވަނީ ކޮންގޮތަކުންތޯ ބައްލަވައި ތައްޔާރުކޮށްފައިވާ ރިޕޯޓަށް މަޝްވަރާކުރެއްވިއެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމަ އަލީ، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާއެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދުއެވެ.

ގަވާއިދު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:25 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދު ގެ 16 ވަނަ މާއްދާއިން ފެށިގެން ގަވާއިދުގެ އެންމެ ފަހުގެ މާއްދާގެ ނިޔަލަށް ދިރާސާކުރެއްވިއެވެ. މިގޮތުން މި ގަވާއިދުގެ 17 ވަނަ މާއްދާ އުނިކުރުމަށް ކޮމިޓީއަށް ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން ނިންމެވިއެވެ. އަދި ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާއިބެހޭ ޤާނޫނު)ގެ ޖަދުވަލު 1 އަދި 2 ގައިވާ ގަވާއިދުތަކަށް ޢަމަލުކުރާނެ މުއްދަތަކީ ހަ މަސްދުވަސް ކަމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާއިރު މި 6 މަސް ދުވަހުގެ މުއްދަތު 5 ފެބްރުއަރީ 2012 ގެ ހަމަވާތީ، އެ ތާރީޚުން ފެށިގެން 6 މަސް ދުވަސް އިތުރުކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމެވިއެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީ، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފްއެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދް، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމްއެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 13:10 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި ޯލްޑިވްސް މީޑިއާ ކައުންސިލްގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް މާލިއްޔަތު ކޮމިޓީއިން ދިރާސާކުރައްވާ ނިންމެވި ގޮތުގެ ޑްރާފްޓް ރިޕޯޓާއިމެދު މަޝްވަރާ ކުރެއްވިއެވެ. މީގެއިތުރަށް، އެންޓިކޮރަޕްޝަން ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް މާލިއްޔަތު ކޮމިޓީއިން ދިރާސާކުރައްވާ ނިންމެވި ގޮތުގެ ޑްރާފްޓް ރިޕޯޓާއިމެދު މަޝްވަރާ ކުރެއްވިއެވެ. ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙްއެވެ. ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އަދި ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ކޮމިޓީއަށް ވަޑައެއް ނުގަންނަވައެވެ. ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައެވެ. އަދި އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް ހުންނެވީ ޗުއްޓީގައެވެ.