ރައްޔިތުންގެ މަޖިލީހުގެ 4 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ 4 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފިއެވެ. އެއީ އިޖްތިމާޢީ ކޮމިޓީއާއި ޤައުމީތަރައްޤީގެ ކޮމިޓީއާއި ގަވާއިދު ކޮމިޓީއާއި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއެވެ.

އިޖްތިމާޢީ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:20 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި މަސްތުވާތަކެއްޗާ ބެހޭ ބިލުގެ 1،2 ވަނަ މާއްދާގެ (ޅ) ފިޔަވާ، 3،4،7،11،14،19،20،21،22،23،24 އަދި 25 ވަނަ މާއްދާ އާއި ހަމައަށް ބައްލަވާ އިސްލާޙު ކުރެއްވުމަށްފަހު ކޮމިޓީ އިން ފާސްކުރެއްވިއެވެ. އަދި މި ބިލުގެ 2 (ޅ)، 5، 6،8،9،10،12،13،15،17،18 ވަނަ މާއްދާ ސަބް ކޮމިޓީއަކުން ބެއްލެވުމަށް ނިންމެވިއެވެ.  މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު، މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލްޣަފޫރު، މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙަންމަދު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދުއެވެ. ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ކޮމިޓީއަށް ޙާޒިރުވަޑައުގެންފައެއް ނުވެއެވެ. އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު ހުންނެވީ ރަސްމީ ދަތުރެއްގައި ރާއްޖެއިން ބޭރުގައެވެ. މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤް ހުންނެވީ ޗުއްޓީގައެވެ.

ޤައުމީތަރައްޤީގެ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:25 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި އެވަގުތު ކޮމިޓީގައި ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢިއްތިފާގުން ޕްރީސްކޫލް ބިލްގެ ރިޕޯޓް މިހާރު އޮތްގޮތަށް މަޖިލީހަށް ފޮނުއްވެވުމަށް ނިންމެވިއެވެ. މީގެއިތުރުން “ސިވިލް އޭވިއޭޝަން އޮތޯރިޓީ ގާއިމު ކުރުމުގެ ބިލް” އެވަގުތު ކޮމިޓީގައި ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢިއްތިފާގުން ބިލް މިހާރުއޮތްގޮތަށް މަޖިލީހަށް ފޮނުއްވެވުމަށްވެސް ނިންމެވިއެވެ.  މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސަ، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދުއެވެ. ވަޑައިނުގަންނަވާ މެންބަރުންނަކީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ ޢާޒިމް، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު، ވިލިނގިލި ދާއިރާގެ މެންބަރު މުޙަންމަދު ރާމިޒް، ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދުއެވެ.

ގަވާއިދު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 12:50 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދު ގެ ފުރަތަމަ މާއްދާއިން ފެށިގެން 16 ވަނަ މާއްދާގެ ނިޔަލަށް ދިރާސާކުރެއްވެވިއެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފްއެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީ، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲއެވެ. އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް ހުންނެވީ ސަލާމުގައެވެ.

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 14:20 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި ކޮމިޝަންތަކާ ގުޅޭގޮތުން އާންމު ފަރާތްތަކުން ފޮނުއްވާފައިވާ މައްސަލަތައް ކޮމިޓީއަށް އައިސްފައިވުމާއެކު އެ މައްސަލަތަކާމެދު ގޮތެއް ނިންމެވުމާ ބެހޭގޮތުންނާއި، މުސްތަޤިއްލު ކޮމިޝަންތަކާއި މަޤާމުތަކުގެ މިއަދުގެ ޚާލަތު އަންގައިދޭ ތަސައްވުރެއް ހޯއްދެވުމަށްޓަކައި މިހާތަނަށް މިނިވަންމުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ބައްދަލު ކުރެވުނު ބައެއް ކޮމިޝަންތަކުން ފޮނުއްވާފައިވާ  ސުވާލު ކަރުދާސް ދިރާސާކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން ކޮމިޝަންތަކުގެ ބަޖެޓާ ގުޅޭގޮތުންވެސް އިތުރަށް މައުލޫމާތު ސާފުކުރެއްވާނެ ގޮތަކާ ބެހޭގޮތުން ކޮމިޓީގައި މަޝްވަރާ ކުރެވުނެވެ.

އެއަށްފަހު އެޖެންޑާ ކުރެވިފައިވާ ކޮމިޓީން ހޮއްވަވާފައިވާ ޕެނަލަކުން ސިޔާސީ ޕާޓީތަކުގެ ބިލުގައި ހިޔާލުތަފާތުވުންތައް އުފެދިފައިވާ މާއްދާތައް ބައްލަވައި އެމާއްދާތަކާމެދު ހިޔާލުތަފާތުވެފައިވަނީ ކޮންގޮތަކުންތޯ ބައްލަވައި ތައްޔާރުކޮށްފައިވާ ރިޕޯޓު ވަކިވަކިން ކޮންމެ މެންބަރަކުވެސް ބެއްލެވުމަށްފަހު ރިޕޯޓާ ގުޅޭގޮތުން ބައްދަލު ވުމެއް ބޭއްވުމަށް ނިންމެވިއެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު ، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމަ އަލީއެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާއެވެ.