2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވައިފިި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާގައި، 2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް އަޙްމަދު އިނާޒް މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

2012 އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ މިއަދު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޖުމްލަ އަކީ 14.7 ބިލިއަން ރުފިޔާ ކަމަށާއި ދައުލަތުގެ އާމްދަނީގެ ގޮތުގައި 10,869.4( ދިހަ ހާސް އަށްސަތޭކަ ފަސްދޮޅަސް ނުވައެއް ޕޮއިންޓު ހަތަރު) މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދައުލަތުގެ ކުރިއެރުމާއި، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި 2012 ވަނަ އަހަރަށް ހުށަހެޅިފައިވާ ދައުލަތުގެ ބަޖެޓަކީ، މެދު ރާސްތާގައި ޑެފިސިޓް ކުޑަކުރަމުން ގެންދެވޭ ގޮތަށް ތައްޔާރުކުރެވިފައިވާ ބަޖެޓެއްކަމަށެވެ. އަދި ވޭތުވެދިޔަ ހަތަރު އަހަރުގެ ޑެފިސިޓަށް ބަލައި، 2012 ވަނަ އަހަރުގެ ޑެފިސިޓަކީ ޖީ.ޑީ.ޕީގެ ނިސްބަތުން ކުޑަވަމުން އައިސްފައިވާ ޑެފިސިޓެއްކަމަށްވެސް ވިދާޅުވެފައިވެއެވެ. މިގޮތުން 2009 ވަނަ އަހަރު 21 އިންސައްތަ، 2010 ގައި 16.1 އިންސައްތަ އަދި 2011 ގައި 10.2 އިންސައްތައިގާ ހުރުމަށްފަހު، 2012 ވަނަ އަހަރަށް މިބަޖެޓާއެކު 9.7 އިންސައްތަ އަށް ކުޑަކުރެވޭނެކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވެފައިވެއެވެ.

މީގެއިތުުރުން 2012 ވަނަ އަހަރުގެ ބަޖެޓުން ތަޢުލީމަށް ކުރެވޭ ހޭދައިގެ ޖުމްލައަކީ  2,183.5 (ދެހާސް އެއްސަތޭކަ އަށްޑިހަ ތިނެއް ޕޮއިންޓް ފަހެއް) މިލިއަން ރުފިޔާ ކަމަށާއި މިއަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި އެހެންއަހަރުތަކެކޭވެސް އެއްގޮތަށް ރިކަރަންޓް ޚަރަދުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ، މުވައްޒަފުންނަށް ހިނގާ ހަރަދު ކަމަށް ފިނޭންސް މިނިސްޓަރ ބަޖެޓް ހުށަހަޅުއްވައިދެއްވަމުން ވިދާޅުވެފައިވެއެވެ.

3 މުޙައްރަމް 1432

28 ނޮވެމްބަރ 2011