ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޗައިނާގެ ޕީޕަލްސް ކޮންގްރެސް ފައިނޭންޝަލް އެންޑް އިކޮނޮމިކް އެފެއަރޒް ކޮމިޓީގެ ވައިސް ޗެއަރމަންއާ މިއަދު ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު، ޗައިނާގެ ޕީޕަލްސް ކޮންގްރެސް ފައިނޭންޝަލް އެންޑް އިކޮނޮމިކް އެފެއަރޒް ކޮމިޓީގެ ވައިސް ޗެއަރމަން ހިޒް އެކްސެލެންސީ މިސްޓަރ ވޫ ރިޓޫއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ ގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ޗައިނާގެ ޕީޕަލްސް ކޮންގްރެސް ފައިނޭންޝަލް އެންޑް އިކޮނޮމިކް އެފެއަރޒް ކޮމިޓީގެ ވައިސް ޗެއަރމަންއާއެކު މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، ރާއްޖެއާއި ޗައިނާއާ ދެމެދު އިޤްތިޞާދީ އަދި ވިޔަފާރީގެ ރޮނގުން އިތުރަށް ގުޅުން ބަދަހިކުރެއްވުމާބެހޭގޮތުންނާއި، ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކާއި، މީގެ އިތުރުން އިޤްތިޞާދީ އަދި އެހެނިހެން ދާއިރާ ތަކުން ޗައިނާގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދިނުމާ ބެހޭ ގޮތުންނެވެ.

މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ރާއްޖެ އާއި ޗައިނާއާ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ދެޤައުމާއި ދެޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް ޔަޤީންކުރައްވާކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖޭގެ ތަރައްޤީއަށް ޗައިނާ ސަރުކާރުން ވެދެއްވަމުންގެންދަވާ ގިނަ އެހީތަކާއި ވެދެއްވާ އެއްބާރުލެއްވުމަށްޓަކައި ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

ޗައިނާގެ ޕީޕަލްސް ކޮންގްރެސް ފައިނޭންޝަލް އެންޑް އިކޮނޮމިކް އެފެއަރޒް ކޮމިޓީގެ ވައިސް ޗެއަރމަންދެއްކެވި ވާހަކަފުޅުގައި ރާއްޖެއާ ޗައިނާއާ ދެޤައުމުގެ ދެމެދުގައި އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމަށް ވަރަށް ގިނަ ފުރުޞަތުތަކެއް އެބަހުރި ކަމަށާއި، މި ދަތުރުފުޅަކީ އެ ފަދަ ފުރުޞަތުތަކާބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމުގައި ވިދާޅުވިއެވެ.