އ.ދ ގެ ހިއުމަން ރައިޓްސްއާބެހޭ ހައިކޮމިޝަނަރ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޤަވާއިދުތަކަށް، ފުރައްސާރަކޮށް ދީނުގެ ޙައްދުތަކާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާތީ އެކަމާ އިޙްތިޖާޖް ކުުރުމުގެ ގޮތުން ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާގައި، އ.ދ ގެ ހިއުމަން ރައިޓްސްއާބެހޭ ހައިކޮމިޝަނަރ ނަވީ ޕިއްލޭ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޤަވާއިދުތަކަށް، ފުރައްސާރަކޮށް ދީނުގެ ޙައްދުތަކާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާތީ އެކަމާ އިޙްތިޖާޖް ކުުރުމުގެ ގޮތުން ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

މިމައްސަލަ ހުށަހަޅުއްވައިދެއްވީ އުގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް ޢަލީ އެވެ. ކުއްލި މައްސަލަ ހުށަހެޅުއްވުމަށްފަހު، މިމައްސަލައަށް މަޖިލީހުގައި ބަހުސްކުރައްވަންފެނޭތޯ ވޯޓަށް އައްސަވައި ފާސްވުމުން، މިމައްސަލައަށް ބަހުސްކުރެއްވުމަށް ހުޅުވާލެއްވުނު ފުރުސަތުގައި ޖުމްލަ 13 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ހިގަމުންދަނިކޮށް މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން 12:30 ގައި 30 މިނެޓްގެ ހުސްވަގުތުކޮޅެއް މެންބަރުންނަށް އެރުވިއެވެ. ނަމަވެސް 13:00 ގައި ޖަލްސާ ފެށްޓެވޭވަރަށް މެންބަރުން ހާޒިރުވެވަޑައިނުގެންނެވުމުގެެ ސަބަބުން މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ރަގަބީލުޖަހައި 5 މިނިޓް ބެއްލެވުމަށްފަހުވެސް ޖަލްސާގެ ޤާނޫނީ އަދަދު ހަމަނުވުމުގެ ސަބަބުން 13:06 ގައި މިއަދުގެ ޖަލްސާ ރިއާސަތުން ނިންމަވާލެއްވިއެވެ. ރިއާސަތުން މިއަދުގެ ޖަލްސާ ނިންމަވާލެއްވިއިރު ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވީ ޖުމްލަ 12 މެންބަރުންނެވެ.

3 މުޙައްރަމް 1432

28 ނޮވެމްބަރ 2011