ޙަމްދާއި ޝުކުރު ކުރަނީ ނިޢުމަތް ތަކުގެ ވެރި މާތް ﷲ ގެ ޙަޟްރަތަށެވެ. ޞަލަވާތާއި ސަލާމުން ވެދުންކުރަނީ މިއުއްމަތުގެ މާތް ސާހިބާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމް އަށެވެ. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަމެވެ.
މިއަދަކީ ހިޖްރީ ސަނަތުން އަހަރެއް ފާއިތުވެ އާއަހަރަކަށް އިސްލާމީ އުއްމަތް ކުރިމަތިލި ދުވަހެވެ. އެހެންކަމުން މިދުވަހުގެ މުނާސަބަތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަންފުޅުގައާއި އަޅުގަނޑުގެ އަމިއްލަނަމުގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި އަޚުންނާއި އުޚުތުންނަށް ތަހުނިޔާއާއި މުބާރިކު ބަދީ އަރިސްކުރަމެވެ.
މިފަދަ ކޮންމެ މުނާސަބަތަކީ މާޒީން ޢިބްރަތް ޙާޞިލްކޮށް މުސްތަޤްބަލަށް އާޢަޒުމް ތަކަކާއި އާ ހިތްވަރުތަކެއް ނެރެ އެންމެން އެކުގައި މަސައްކަތްކުރުމުގެ ޢަޒުމް އާކުރަންޖެހޭ މުނާސަބަތުތަކެކެވެެ. އަދި މާތް ރަސޫލާ ގެ މަތިވެރި ހިޖްރައާއި ގުޅިގެން އިސްލާމީ ދައުލަތުގެ ބިންގާ އެޅިގެން ދިޔަ ގޮތުގެ މައްޗަށާއި އުއްމަތުގެ އަފްރާދުންގެ މެދުގައި ޤާއިމްވެގެންދިޔަ އުޚުއްވަތްތެރިކަމާއި އެކަކު އަނެކަކަށް އަޅާލައި ރަޙްމު ކޮށް އުޅުމުގެ މަތިވެރި ސިފަ އާއި، ގުޅިގެން މަސައްކަތްކުރުމުގެ ސިފަ އަޅުގަނޑުމެންގެ ކިބައިގައި އަށަގެންނެވުމަކީ މިފަދަ މުނާސަބަތުތަކާގުޅިގެން ކުރަންޖެހޭނެ ކަމެކެވެ.
މިފެށުނު އައު އަހަރަކީ ދިވެހިރާއްޖެ އަށާއި އިސްލާމީ އުއްމަތަށް ފާގަތި އަހަރެއްކަމުގައި ލެއްވުން އެދި މާތް ﷲ ގެ ޙަޒްރަތުގައި ދުޢާ ދަންނަވަމެވެ. އަދި ދިވެހިރާއްޖެ އާއި އިސްލާމީ އުއްމަތަށް ބާއްޖަވެރި ކަމާއި ތަނަވަސްކަން މިންވަރުކުރައްވައި ފިތުނަވެރިކަމާއި ފަސާދައިން މި އުއްމަތް ސަލާމަތް ކޮށްދެއްވުން އެދި އެކަލާނގެ ޙަޒްރަތުގައި ދުޢާ ދަންނަވަމެވެ. ޢާމީން
1 މުޙައްރަމް 1433
26 ނޮވެމްބަރ 2011
ޢަބްދުﷲ ޝާހިދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް