ފާއިތުވެދިޔަ ދުވަސްތަކަކީ ތަޖުރިބާއެއް، މާޒީއަށް އެނބުރި ރުޖޫޢަވުމަކީ އޮތް ފުރުޞަތެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ގެއަށް މިއަދު ޒިޔާރަތް ކުރެއްވި ޔުނައިޓެޑް ނޭޝަންސް ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް ހަރ އެކްސެލެންސީ ނަވަނެތަމް ޕިއްލޭއަށް މަރުޙަބާ ދަންނަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ދެއްކެވި ވާހަކަފުޅުގައި، ފާއިތުވެދިޔަ ދުވަސްތަކަކީ ތަޖުރިބާއެއް ކަމަށާއި  މާޒީއަށް އެނބުރި ރުޖޫޢަވުމަކީ އަޅުގަނޑުމެންނަށް އޮތް ފުރުޞަތެއް ނޫންކަމަށް ވިދާޅުވެއްޖެއެވެ.

މިގޮތުން ދެއްކެވި ވާހަކަފުޅުގައި ޑިމޮކްރަޓިކް ރިފޯމް ޕްރޮގްރާމް ފެށިގެން 7 އަހަރު ފަހުން އަދި ފުރަތަމަ ފަހަރަށް ގިނަ ސިޔާސީ ޕާޓީތަކެއް ވާދަކުރެވޭ ގޮތަށް ބޭއްވި ފުރަތަމަ ރިޔާސީ، އަދި ޢާންްމު އިންތިޚާބުތަކަށް 3 އަހަރު ފުރިގެންދާއިރު، ދިވެހިން މިވަނީ ޑިމޮކްރަޓިކް މުޖްތަމަޢެއްގައި ހުންނަންޖެހޭ މައިގަޑު އެއް ސިފަކަމުގައިވާ އިންތިޚާބުތައް ބަލައިގެންފައިވާކަމަށެވެ. އަދި ދިވެހިން އިންތިޚާބުކުރާ މީހުން މެދުވެރިކޮށް ސަރުކާރާއި ވެރިކަމުގެ އެންމެހައި ކަންތައްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިންނަށް މިހާރު ލިބިފައިވާކަމަށާއި ޑިމޮކްރަސީގެ ސިފަތަކާއި އުސޫލުތަކުން އަޅުގަނޑުމެންގެ މުޖްތަމަޢު ފޭރާންކުރުމަށްޓަކައި މިނިވަން މުސްތަޤިއްލު އިދާރާތައް ޤާއިމުކުރަމުން ދާކަމަށާއި އެއީ މިހާތަނަށް ފަސޭހަ މަސައްކަތަކަށް ވެފައިނުވާކަމަށާއި އެހެންނަމަވެސް، މިޤައުމުމުގެ ރައްޔިތުންގެ ހިތްމަތަށް ބަދަލެއް ނާންނަކަމަށާއި މިހާހިސާބަށް އައުމަށްފަހު ދެން އެނބުރި ދާން ބޭނުންނުވާކަމަށް ވިދާޅުވެފައިވެއެވެ.

މިއަދު ދިވެހިރާއްޖެ ޑިމޮކްރަސީގެ ޙިމާޔަތަކަށްވެފައިވަނިކޮށް ނަވަނެތަމް ޕިއްލޭ އަޅުގަނޑުމެންނަށް ޒިޔާރަތްކުރެއްވުމަކީ، ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކެނޑިނޭޅި މަސައްކަތްކުރެއްވި ބޭފުޅުންނަށް ލިބިދެވޭނެ އެންމެ އިސް ޝަރަފް ކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އިތުރަށް ދެއްކެވި ވާހަކަފުޅުގައި ދުނިޔޭގެ ކަންކޮޅުތަކުގައި އެކި ސިފަ ސިފައިގައި ޑިމޮކްރަސީ ބަލައިގެންފައިވީނަމަވެސް، ޢާންމު ގޮތެއްގައި މުޅި ދުނިޔެ ޤަބޫލުކުރާ އެންމެ ރަނގަޅު ވެރިކަންކުރާ ނިޒާމަކީ ރައްޔިތުންގެ ވެރިކަމުގެ މައްޗަށް ބިނާކުރެވޭ ނިޒާމުތައްކަަމަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަކީ އެފަދަ ކޮންމެ ނިޒާމެއްގެވެސް އެންމެ އަސާސީ އެއް ގޮންޖެހުންކަމަށެވެ.

މަޖިލީހުގެ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވައި އެމަނިކުފާނު ވިދާޅުވީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ޑިމޮކްރެސީގެ މިކޮރިޑޯތަކުގައި ހިނގުމަކީ ބައެއް ފަހަރު އޮމާންކަމަކަށް ވެފައިވިއަސް ބައެއް ފަހަރު ހުރަސްތަކާވެސް ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

28 ޛުލްޙިއްޖާ 1432

24 ނޮވެމްބަރ 2011