ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބިލަށް މަޖިލީހުން ގެންނެވި އިޞްލާޙުތަކާއެކު ބިލު ފާސްކުރުމަށްފަހު މަޖިލީހުގެ ފުރަތަމަދައުރުގެ މަސައްކަތްތައް ނިންމަވާލައްވައިފި

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 28 ވަނަ ޖަލްސާގައި، 11 މެންބަރުންގެ ވަގުތީ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބިލަށް މަޖިލީހުން ގެންނެވި 13 އިޞްލާޙާއެކު ބިލު ފާސްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާއަށް ކޮޕީ ރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ބިލު މަޖިލީހަށް ހުށަހެޅުއްވުމަށްފަހު، ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަފުޅު ދެއްކެވުމަށް އެދި ވަޑައިގެންނެވި ހުރިހާ މެންބަރުންނަށް ފުރުޞަތު އެރުވުމަށްފަހު، ބިލު މަޖިލީހުން ކުރިއަށް ގެންދިއުމަށް އެވަގުތު ޖަލްސާއަށް ޙާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ އިއްތިފާޤުން ބިލު ފާސްކުރައްވައި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ބިލު އިޤްތިޞާދީ ކޮމިޓީއަށް އިތުރަށް ދިރާސާ ކުރެއްވުމަށްޓަކައި ފޮނުއްވިއެވެ. މި ބިލު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤްއެވެ. މިބިލު ހުށަހެޅުއްވުމުގެ ބޭނުމާއި ގުޅޭގޮތުން ޠާރިޤް ވިދާޅުވީ ބިލު ހުށަހެޅުމުގެ މައިގަނޑު ސަބަބަކީ ދިވެހިރާއްޖޭގައި ފިކުރީ މުދާ ޙިމާޔަތްކުރާނޭ ޤާނޫނީ އޮނިގަނޑެއް ނެތުމުން،  ދިވެހިރާއްޖޭގައި ކޮޕީރައިޓާބެހޭ ޙައްޤުތައް ތަޢާރަފްކޮށް، އެކަމާބެހޭ ޢާއްމު އުޞޫލުތައް ކަނޑައަޅައި، އެފަދަ ޙައްޤަކަށް އުނިކަމެއް ލިބިއްޖެނަމަ އެޅޭނެ ފިޔަވަޅުތަކާއި އަދަބުތައް  ބަޔާން ކުރާ ޤާނޫނެއް އޮތުމަކީ ބޭނުންތެރިކަމެއް ކަމަށްވާތީއެވެ.  އަދި މިފަދަ ޙައްޤުތައް ޤާނޫނެއްގެ ދަށުން ބަޔާންކޮށް ދިވެހި މުޞައްނިފުންނާއި އުދެއްދުންތެރީންނަށް ޤާނޫނީ ޙިމާޔަތް ލިބިދީ، އަމިއްލަ އުފެއްދުންތައް އުފެއްދުމަށް އެފަރާތްތަކަށް ހިތްވަރު ދިނުމެވެ.

68 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަލްފާޟިލް އަޙްމަދު ނާޒިމް އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދުއެވެ.