ރައްޔިތުންގެ މަޖިލީހުގެ 7 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ 7 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފިއެވެ. އެއީ ޢާންމު ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ އާއި މުޅި މަޖިލީހުގެ ކުޑަ ކޮމިޓީ އާއި ޤައުމީ ތަރައްޤީގެ ކޮމިޓީ އާއި އިޖްތިމާޢީ ކޮމިޓީ އާއި ގަވާއިދު ކޮމިޓީ އަދި ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީ އެވެ.

ޢާންމު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 09:35 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ރިޓަޔަމެންޓް ޕެންޝަން އަށް އެންރޯލް ކުރުމަށްޓަކައި މަޖިލީހުގެ އިދާރާއިން ދައްކާފައިވާ ފައިސާ ޕެންޝަން އޮފީހަށް ދެއްކުމުގައި ޢަމަލުކުރާނެ ގޮތަކާއި މެދު މަޝްވަރާކުރެއްވިއެވެ. އަދި ޕާލިމަންޓަރީ ސާރވިސްގެ މުވައްޒަފުންގެ ހެދުން އެޅުމަށް ހިއުމަން ރިސޯސް ޕެނަލް އިން ކަނޑައެޅުއްވި މިންގަނޑު ފާސްކޮށްދެއްވުން އެދި ފޮނުއްވާފައިވާ މައްސަލަވެސް ދިރާސާކުރެއްވެވިއެވެ. މީގެއިތުރުން ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުގެ ފަރާތުން އިދާރާއަށް ހަދިޔާ ކޮށްފައިވާ ތަކެއްޗައް ހަދާނެ ގޮތަކާއިމެދެ ގޮތެއް ނިންމުމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުހުސިން ޙަމީދު، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ޞާލިޙު އަދި ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު އެވެ. ބައްދަލުވުމަށް ވަޑައިގެންފައިނުވާ މެންބަރުންނަކީ ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް، ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީ އަދި މެދު ހެންވޭރު ދާއިރާގެ ޢަލީ ޢާޒިމް އެވެ. ކުޑަ ހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރުު އަށް ވަޑައިނުގެންނެވުނީ ސަލާމްގައި ހުންނެވުމުންނެވެ.

މުޅި މަޖިލީހުގެ ކުޑަ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:25 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ “ވިޔަފާރި ފައިދާއިން ޓެކްސްނެގުމުގެ ބިލް” ގެ މަސައްކަތެވެ. އެއަށްފަހު ކުރިއަށް ގެންދެވީ ސުންގަޑި ހަމަވެފައިވާ 2 ބިލެއްގެ ސުންގަޑި އަލުން ކަނޑައެޅުއްވުމުގެ މަސައްކަތެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އަދި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އެވެ. ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އަށް ވަޑައިނުގެންނެވުނީ ސަލާމްގައި ހުންނެވުމުންނެވެ.

ޤައުމީތަރައްޤީގެ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:20 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ޕްރީސްކޫލް ބިލް އެއްކޮށް ބައްލަވައި އިސްލާހު ކޮށް ނިންމަވައި ބިލުގެ ރިޕޯޓް ތައްޔާރުކޮށް މަޖިލީހަށް ފޮނުއްވުމަށް ކަނޑައެޅުއްވިއެވެ. އަދި “ސިވިލް އޭވިއޭޝަން އޮތޯރިޓީ ގާއިމު ކުރުމުގެ ބިލް” ދިރާސާކުރެއްވުމުގެ މަސައްކަތް ކުރެއްވިއެވެ.  މިކޮމިޓީއަށް ޚާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު އަދި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު އެވެ. ބައްދަލުވުމަށް ވަޑައިނުގަންނަވާ މެންބަރުންނަކީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ ޢާޒިމް، ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު އަދި ވިލިނގިލި ދާއިރާގެ މެންބަރު މުޙަންމަދު ރާމިޒް އެވެ.

އިޖްތިމާޢީ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 12:35 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި ތެލެސީމިއާ ބިލް ދިރާސާކުރެއްވިއެވެ. އަދި މަސްތުވާތަކެއްޗާ ބެހޭ ބިލް، ތެލަސީމިއާ ބިލަށް ވުރެ ކުރިން ނިންމުމަށް މެންބަރުން ނިންމެވިއެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤް،މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލްޣަފޫރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު، މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙަންމަދު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު އެވެ. ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު އަށް ވަޑައިނުގެންނެވުނީ ރަސްމީ ދަތުރެއްގައި ރާއްޖެއިން ބޭރުގައި ހުންނެވުމުންނެވެ. ބައްދަލުވުމަށް ވަޑައިގެންފައިނުވާ މެންބަރަކީ ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އެވެ.

މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 09:40 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2012 ވަނަ އަހަރަށް ލަފާކުރާ ބަޖެޓާއި ގުޅޭގޮތުން މެންބަރުން ސާފުކުރައްވަން ބޭނުންފުޅުވާ އިތުރު ކަންތައްތަކެއް ހުރުމާއެކު އޮޑިޓަރ ޖެނެރަލް އާއި ބައްދަލުކުރެއްވިއެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އެވެ. ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ބައްދަލުވުމަށް ވަޑައިގެންފައެއްނުވެއެވެ.

ގަވާއިދު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 12:40 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި އެއްގަމު އުޅަނދު ރޯޑްވަރދިނަސް ޓެސްޓު ހެދުމުގެ ގަވާއިދުގެ 7 ވަނަ މާއްދާއިން ފެށިގެން އެންމެ ފަހުގެ މާއްދާގެ ނިޔަލަށް ބައްލަވާ ގެންނަންޖެހޭ އިސްލާހުތައް ގެންނެވިއެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީ، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް އެވެ. ބައްދަލުވުމަށް ވަޑައިނުގަންނަވާ މެންބަރުންނަކީ އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް އެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 13:45 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި “ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު” ގެ މަސައްކަތް އެއްކޮށް ދިރާސާކޮށް ނިންމަވާލެއްވިއެވެ. އަދި ކޮމިޓީ މަރުހަލާގައި “ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު” އަށް ގެންނަވާފައިވާ އިޞްލާހުތަކާއި އެކު ކޮމިޓީއިން ބިލު ފާސްކުރައްވާ މަޖިލީހުގެ ތަޅުމަށް ފޮނުއްވުމަށް ނިންމެވިއެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙްމީ، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ ޢާދަމް، މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙަންމަދު އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދު އެވެ. ބައްދަލުވުމަށް ވަޑައިގެންފައިނުވާ މެންބަރުންނަކީ ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޙްލޫފް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަދި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެވެ.

27 ޛުލްޚިއްޖާ 1432

23 ނޮވެމްބަރ 2011