އަންހެނުންނަށް އަނިޔާ ކުރުން ހުއްޓުވުމަށް އ.ދގެ ފަރާތުން ގޮވާލާ ހުޅުވާލި ޕެޓިޝަންގައި ރައްޔިތުންގެ މަޖިލީހުގެ 55 މެންބަރުން މިއަދު ސޮއި ކުރައްވައިފި

އަންހެނުންނަށް އަނިޔާ ކުރުން ހުއްޓުވުމަށް އ.ދ ސެކެޓްރީ ޖެނެރަލް ބަންކީ މޫން ފައްޓާފައިވާ ކެމްޕެއިނެއްގެ ގޮތުން އ.ދގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ފަންޑް (ޔުނިފެމް)ގެ ފަރާތުން ކުރިއަށްގެންދާ ޕެޓިޝަނެއްގައި މިއަދު ރައްޔިތުންގެ މަޖިލީހުގެ 55 މެންބަރުން ސޮއިކުރައްވައިފިއެވެ.

“އަންހެނުންނަށް އަނިޔާ ކުރުމަށް ނޫނެކޭ ބުނެ އެކަން ހުއްޓުވުމަށް އެއްބައިވުމަށް” ގޮވާލާ “ސޭނޯ” ޕެޓިޝަންގައި ސޮއި ކުރުމުގެ ރަސްމިއްޔާތު މިއަދު ބޭއްވުނީ ރައްޔިތުން މަޖިލިސް ކުރާގޭގެ މައިފެންޑާގައި އެކަމަށް ޚާއްޞަކުރެވިފައިވާ ބޯޑެއްގެ ކައިރީގައެވެ. މިރަސްމިއްޔާތުގައި ޔޫ.އެން.ޑީ.ޕީގެ އޮފިސަރ އިން-ޗާޖް މިސްޓަރ އަރުން ކަޝިއެޕް އާއި ޔޫ.އެން.ޑީ.ޕީއޭގެ އޮފިސަރ އިން-ޗާރޖް މިސް ކުމީކޯ ޔޮޝިޑާ ބައިވެރިވެވަޑައިގަތެވެ. “އަންހެނުންނަށް އަނިޔާ ކުރުމަށް ނޫނެކޭ ބުނާ” މިޕެޓިޝަންގައި މެންބަރުން ސޮއި ކުރެއްވުންއޮތީ ރައްޔިތުންގެ މަޖިލީހުގައި އަންހެނުންނަށް އަނިޔާކުރުން ހުއްޓުވުމަށް ޤަރާރެއް ފާސްކުރެއްވުމަށްފަހުގައެވެ.

މިހަރަކާތަކީ މިއަދު ދުނިޔޭގައި ފާހަގަކުރެވޭ އަންހެނުންނަށް އަނިޔާކުރުން ނައްތާލުމުގެ ބައިނަލްއަޤުވާމީ ދުވަހަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދުނިޔޭގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ޖަމްޢިއްޔާ ކަމުގައިވާ އިންޓަރ ޕާރލިމަންޓްރީ ޔުނިއަން (އައި.ޕީ.ޔޫ)އިން ގޮވާލާފައިވާ ގޮވާލުމަކާއެއްގޮތްވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދިޔަ ޚާއްޞަ ހަރަކާތެކެވެ.

އައި.ޕީ.ޔޫއިން ބަޔާންކުރާގޮތުގައި ދުނިޔޭގެ ކޮންމެ ދެއަންހެނުންކުރެ އެކަކީ އަނިޔާއެއް ލިބިފައިވާ އަންހެނެކެވެ. ކޮންމެ 5 އަންހެނަކުން އެކަކީ ޖިންސީ ގޯނާއެއް ލިބިފައިވާ މީހެކެވެ. ޔުނިފެމްއިން ހާމަކޮށްފައިވާ ގޮތުގައި ޤައުމުތަކުން ލިބެންހުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އަންހެނުންގެ ތެރެއިން ނިސްބަތުން 70 ޕަސެންޓް އަންހެނުން އެމީހުންގެ އުމުރުގައި ޖިސްމާނީ ނުވަތަ ޖިންސީއަނިޔާ ފިރިހެނުންގެ ފަރާތުން ތަޖުރިބާ ކުރެއެވެ. މިކަން ހުރިހާ ދިމާލެއްގައިވެސް ހިނގައެވެ. ގޭގެއާއި މަސައްކަތްކުރާ ތަންތަނުގައެވެ. މަގުމަތީގައާއި ސްކޫލްތަކުގައެވެ. ޔުނިފެމްއިން ބަޔާންކުރާގޮތުގައި އަންހެނުންނާއި އަންހެންކުދިންނަށް އަނިޔާ ކުރުމީ އެތައް ހިސާބަކަށް އެގޭ އަސަރުކުރާ ކަމެކެވެ. ޢާއިލާތަކާއި މުޖުތަމައުތަކަށް އަނިޔާ ލިބުމެވެ. އިންސާއީ ތަރައްޤީއަށް ހުރަސްއެޅި އިޤްތިޞާދީ ދިރުން ފަނާ ކުރުވައެވެ.