ރައްޔިތުންގެ މަޖިލީހުގެ 5 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ 5 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފިއެވެ. އެއީ ޤައުމީ ސަލާމަތުގެ ކޮމިޓީއާއި ސުލޫކު ކޮމިޓީއާއި އިޤްތިޞާދީ ކަންކަމުގެ ކޮމިޓީއާއި މުޅި މަޖިލީހުގެ ކުޑަކޮމިޓީއާއި ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއެވެ. މިގޮތުން ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީ ކުރިއަށް ގެންދެވިފައިވަނީ ސިއްރު ކޮމިޓީއެއްގެ ގޮތުގައެވެ.

ޤައުމީ ސަލާމަތުގެ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 12:10 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން އެމެރިކާ، ބަންގްލަދޭޝް، ސިންގަޕޯ، އިންޑިއާ އަދި ޔޫ.އޭ.އީ އަށް ރާއްޖެ އިން ކަނޑައަޅުއްވާ ސަފީރުން ގެ ނަންފުޅުތައް ދިރާސާ ކުރުމުގެ މައްސަލަ އާ ގުޅޭގޮތުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލް އަޙުމަދު ނަސީމް އާ ބައްދަލު ކުރެއްވިއެވެ. އަދި މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ތާރިޤް ހުށަހަޅުއްވައި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ތާޢީދުކުރެއްވި އަލްފާޟިލް އަޙުމަދު ސަރީރު އަދި އަލްފާޟިލް މުޙައްމަދު ޚަލީލު ގެ ނަން ކޮމިޓީން ފާސްކުރައްވައި ރާއްޖެ އިން ކަނޑައަޅުއްވައި، ސަފީރުން ގެ ގޮތުގައި ފަހުން ފޮނުއްވާފައިވާ 3  ބޭފުޅުން ގެ ކޯޓް މައްސަލައެއް ވޭތޯ އިދާރީ މޭޒުން ބެއްލެވުމަށް ފަހު ގޮތެއް ނިންމުމަށް ނިންމެވިއެވެ. މިކޮމިޓީއަށް ވަޑަގެންނެވި މެންބަރުންނަކީ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ތާރިޤް، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފު އެވެ. ވަޑައިގެންފައިނުވާ މެންބަރުންނަކީ ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒު، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް ޢަބްދުﷲ އަދި އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު އެވެ.

ސުލޫކު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 13:00 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި ކ.ހުރާގައި ދިމާވި ހާދިސާއާއި ގުޅިގެން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި ދެކެވުނު ވާހަކަތައް ކޮމިޓީގެ ބައެއް މެންބަރުންނާއި ޙަވާލާދީ ވީ.ޓީ.ވީ އިން ގެނެސްދީފައިވާތީ އެކަން ކުރި މެންބަރުންނަކީ ކޮބައިކަން ބައްލަވާ ދެއްވުމަށް އެދި ކޮމިޓީއަށް ފޮނުވާފައިވާ މައްސަލައަކީ ކޮމިޓީއިން ބަލަންޖެހޭ މައްސަަލައެއް ނޫންކަމަށް ކޮމިޓީއަށް ވަޑައިގެންނެވި އެންމެހާ މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. އަދި ހަމައެހެންމެ “ރައްޔިތުންގެ މަޖިލީހުގެ ސުލޫކު ޤަވާއިދު” އަށް އިޞްލާޙު ހުށަހެޅުމަށްޓަކައި އެމް.ޑީ.ޕީ އިން އަދި އިތުރު ހަފްތާއެއް ބޭނުންވާތީ އެ ފުރުޞަތު ދިނުމަށްވެސް ނިންމެވިއެވެ.

މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ، މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙަންމަދު، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް އަދި ތިމަރަފުށި ދާއިރާގެ މެންބަރު މުޙަންމަދު މުޞްޠަފާ އެވެ. ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލް ޣަފޫރު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲއަބްދުއްރަހީމް، އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީ އަދި މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު ކޮމިޓީގެ ބައްދަލުވުމަށް ޚާޒިރުވެވަޑައިނުގަންނަވައެވެ.

އިޤްތިޞާދީ ކަންކަމުގެ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 09:45 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ‘ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ބިލު’ގެ މަސައްކަތެވެ. މިގޮތުން ބިލްގެ 7 ވަނަ މާއްދާއިން ފައްޓަވައިގެން ބިލުގެ 9 ވަނަ މާއްދާގެ ނިޔަލަށް ބެއްލެވުމަށްފަހު މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ. މިކޮމިޓީއަށް ޚާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ތިމަރަފުށި ދާއިރާގެ މެންބަރު މުޙަންމަދު މުޞްޠަފާ، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އަދި މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ އެވެ. ކޮމިޓީގައި އިންނަވާ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު އަށް ވަޑައިނުގެންނެވުނީ ޗުއްޓީ ގައި ހުންނެވުމުންނެވެ. ވަޑައިގެންފައިނުވާ މެންބަރުންނަކީ ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، ވިލިމާފަންނުދާއިރާގެ މެންބަރު އަހުމަދު ނިހާން ޙުސައިންމަނިކު އަދި މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލުު އެވެ.

މުޅި މަޖިލީހުގެ ކުޑަކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 14:12 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި “ވިޔަފާރި ފައިދާއިން ޓެކްސްނެގުމުގެ ބިލް” ގެ މާއްދާތައް، މާއްދާއަކުން މާއްދާއަކުން ބެއްލެވުމަށް ކޮމިޓީގައި ތިއްބެވި ހުރިހާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވުމާއެކު ބިލް ބައްލަވަން ފެއްޓެވިއެވެ. މިގޮތުން ބިލް ފައްޓަވައިގެން ބިލްގެ 23 ވަނަ މާއްދާގެ ނިޔަލަށް ބެއްލެވުމަށްފަހު މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ. މިކޮމިޓީއަށް ޚާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު ޒުބައިރު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ. ވަޑައިނުގަންނަވާ މެންބަރުންނަކީ ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އަދި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އެވެ.

26 ޛުލްޚިއްޖާ 1432

22 ނޮވެމްބަރ 2011