ރައްޔިތުންގެ މަޖިލީހުގެ 8 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ 8 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފިއެވެ. އެއީ އިޤްތިޞާދީ ކަންކަމުގެ ކޮމިޓީއާއި ޢާންމު ކޮމިޓީއާއި ޤައުމީތަރައްޤީގެ ކޮމިޓީއާއި ޤައުމީ ސަލާމަތުގެ ކޮމިޓީއާއި އިޖްތިމާޢީ ކޮމިޓީއާއި ގަވާއިދު ކޮމިޓީ އާއި ޕެޓިޝަން ކޮމިޓީއެވެ. ނަމަވެސް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ ސިއްރުބައްދަލުވުމެއްގެ ގޮތުގައެވެ.

އިޤްތިޞާދީ ކަންކަމުގެ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 9:50 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި ‘ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ބިލު’ގެ 4 ވަނަ މާއްދާއިން ފެށިގެން ބިލުގެ 6 ވަނަ މާއްދާގެ ނިޔަލަށް ބައްލަވާފައިވެއެވެ. މިކޮމިޓީއަށް ވަޑަގެންނެވި މެންބަރުންނަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ތިމަރަފުށި ދާއިރާގެ މެންބަރު މުޙަންމަދު މުޞްޠަފާ، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، ވިލިމާފަންނުދާއިރާގެ މެންބަރު އަހުމަދު ނިހާނު ހުސައިންމަނިކު އަދި މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލުއެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އާއި މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ ކޮމިޓީއަށް ވަޑައިގެންފައެއް ނުވެއެވެ. އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު ހުންނެވީ ޗުއްޓީގައެވެ.

ޢާންމު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 9:40 ގައެވެ.  މިކޮމިޓީގެ ބައްދަލުވުމުގައި މަޖިލީހުގެ އިދާރާގެ އިންޓަރނަލް އޮޑިޓަރގެ މަޤާމަށް މީހަކު ހަމަޖެއްސުމުގެ ހުއްދައަށް އެދި ފޮނުއްވާފައިވާ މައްސަލަ އާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށްފަހު، ކައުންސެލް ޖެނެރަލްގެ މަޤާމުގެ މުސާރައާ ޢިނާޔަތްތައް ރިވިއުކުރުމަށް އެދި ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. އަދި މިކޮމިޓީގެ ބައްދަލުވުމުގައި ސަރޖަންޓް އެޓް އާމްސްގެ މަޤާމަށް މީހަކު ޢައްޔަންކުރުމާ ގުޅޭގޮތުން ކޮމިޓީއަށް ފޮނުވާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. އެ ގޮތުން މި މަޤާމުގެ މަސްއޫލިއްޔަތުތައް ރައްޔިތުނަގެ މަޖިލީހުގެ ޤަވާއުގެ 105 މާއްދާގެ (ހ) އަށް ފުށުނާރާ ގޮތަށް ބަދަލުކުރެއްވުމަށް ފެންނަ ކަމަށާއި އަދި މި މަޤާމަށް ބޭފުޅަކު ޢައްޔަންކުރުމުގެ ޒިންމާ މިނިސްޓްރީ އޮފް ޑިފެންސް ފޯސް އަށް ހަވާލުކުރެއްވުމަށާއި މި ކަމާއި ގުޅޭ ޑްރާފްޓެއް އިދާރި ބޭފުޅުން އެކުލަވާލެއްވުމަށް މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ހުށަހަޅުއްވާ، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް ތާޢީދުކުރައްވާ އެވަގުތު ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.

މީގެ އިތުރުން މިކޮމިޓީގެ ބައްދަލުވުމުގައި ޕާލިމަންޓް ޔޫނިއަން އޮފް ދި އޯ.އައި.ސީ މެންބަރސް ސްޓޭޓްސް ޕީ.ޔޫ.އައި.ސީ ގައި ބައިވެރިވުމާމެދު މަޝްވަރާކުރެެއްވުމަށްފަހު، މި ފަދަ ކަމެއްގައި ބައިވެރިވުން އެއީ މުހިއްމު ކަމެއްގައި ފެނިލައްވާކަމަށް ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒު ހުށަހަޅުއްވާ، މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ތާޢީދުކުރައްވާ  އެވަގުތު ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.    އަދި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޙްލޫފް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 29 ވަނަ މާއްދާއަށް ހުށަހަޅުއްވާފައިވާ އިޞްލާޙު ދިރާސާކުރެއްވިއެވެ. މި މައްސަލަ އާއި ގުޅޭ ގޮތުން ގޮތެއް ނިންމުމުގެ ކުރިން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިތުރު ބޭފުޅުންގެ ޙިޔާލު މި ކަމުގައި ބެނުންފުޅުވާކަމަށް އެވަގުތު ކޮމިޓީ އަށް ވަޑައިގެންތިއްބެވި ގިނަ މެންބަރުންނަށް ފެނިލައްވާތީ، މި މައްސަލަ ގިނަ މެންބަރުން ޙާޒިރުވާ ކޮމިޓީއަކަށް އެޖެންޑާކުރެއްވުމަށް ނިންމެވިއެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުހުސިން ޙަމީދު، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ޞާލިޙު، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރުއެވެ. ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީ، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، މެދު ހެންވޭރު ދާއިރާގެ ޢަލީ ޢާޒިމް ކޮމިޓީއަށް ޚާޒިރުވެވަޑައިނުގަންނަވައެވެ. ކުޑަ ހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރު ހުންނެވީ ސަލާމުގައެވެ.

ޤައުމީތަރައްޤީގެ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:15 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި “ދިވެހި ރާއްޖޭގެ ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ބިލް” އާ ގުޅޭގޮތުން ސިވިލްއޭވިއޭޝަން ޑިޕާޓްމަންޓް ގެ ބޭފުޅުންނާ ސުވާލު ކުރެއްވުން ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން ޕްރީސްކޫލް ހިންގުމުގެ ބިލަށް އަދި ބިމުގެ ބިލަށް ސުންގަޑި ކަނޑައެޅުއްވުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަވާފައިވެއެވެ.  މިކޮމިޓީއަށް ޚާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސަ، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު، ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދުއެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ ޢާޒިމް، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު، ވިލިނގިލި ދާއިރާގެ މެންބަރު މުޙަންމަދު ރާމިޒް، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ، ކާށިދޫ ދާއިރާގެ މެންބަރު އިސްމާޢީލް އަބްދުލްޙަމީދުއެވެ.

ޤައުމީ ސަލާމަތުގެކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:25 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި. އޭނާގެ އެއްބަފާ ކޮއްކޯފުޅު މއ. ކާމިނީހުޅަނގުގޭގެ، އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ގުޅިގެން ހިންގަވާފައިވާކަމަށް ތުހުމަތުކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގުވިޔަފާރިއާއި ޙިޔާނާތުގެ މައްސަލައާ ދިރާސާކުރެއްވުމުގެ ގޮތުން 2 ނޮވެމްބަރ 2011 ވަނަ ދުވަހު ބޭއްވި ޤައުމީ ސަލާމަތުގެ 38 ވަނަ ކޮމިޓީގެ ޔައުމިއްޔާ އަށް އެދި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވާފައިވާ ސިޓީ އާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. މިކޮމިޓީއަށް ޚާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒު، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ތާރިޤް، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާއެވެ. ވަޑައިނުގަންނަވާ މެންބަރުންނަކީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް ޢަބްދުﷲ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފުއެވެ. ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަދި އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު ހުންނެވީ ސަލާމުގައެވެ.

އިޖްތިމާޢީ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:15 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި “ނެޝަނަލް އަރކައިވްސް ބިލް”އިޖްތިމާޢީ ކޮމިޓީގެ ސަބްކޮމިޓީ 1 އިން ދިރާސާކޮށް ފުރިހަމަ ކޮށްފައިވައިވާތީ، އެބިލު ނިންމެވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤް،މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙުމުޙަންމަދު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފްއެވެ. ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލްޣަފޫރު،ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު،މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙަންމަދު،ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު،ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު ކޮމިޓީއަށް ޚާޒިރުވެވަޑައެއް ނުގަންނަވައެވެ.

ގަވާއިދު ކޮމިޓީގެ ބައްދަލުވުން ބޭއްވެވިފައިވަނީ 12:35 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި އެއްގަމު އުޅަނދު ރޯޑްވަރދިނަސް ޓެސްޓު ހެދުމުގެ ގަވާއިދުގެ 1 ވަނަ މާއްދާއިން ފެށިގެން 3 ވަނަ މާއްދާގެ ނިޔަލަށް މެންބަރުން މަޝްވަރާކުރައްވާ ދިރާސާކުރެއްވަމުން ގެންދަވަނިކޮށް ކޯރަމް ގެއްލުމާއި ގުޅިގެން ކޮމިޓީ ނިންމަވާލެއްވިއެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީ، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފްއެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒްއެވެ.

ޕެޓިޝަން ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 15:00 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި ނިމިފައިވާ ރިޕޯޓްތައް ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން ފައިނަލް ކުރެއްވެވި ރިޕޯޓްތަކަކީ ކުދި ވިޔަފާރިކުރާ ފަރާތްތައް ނަގާފައިވާ ލޯންތަކަށް ލުއި ގޮތްތަކެއް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވުން އެދި ހުށަހަޅުއްވާފައިވާ ޕެޓިޝަނާއި ގުޅޭ ރިޕޯޓާއި، ދިވެހި މަސްވެރިންގެ ޙައްޤުތައް ގެއްލެމުން ދާތީ އެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކޮށް ދިނުމަށް އެދި ހުށަހަޅުއްވާފައިވާ ޕެޓިޝަނާއި ގުޅޭ ރިޕޯޓާއި، ގއ. ދެއްވަދޫގައި ފެތުރިގެން އުޅޭ ހުމުގެ ރޯގާއާއި ގުޅިގެން ހުށަހަޅާފައިވާ ޕެޓިޝަނާއި ގުޅޭ ރިޕޯޓާއި ޑޮލަރު ލިބުން ދަތިވެފައިވާތީ އެކަން ޙައްލުކޮށްދިނުމަށް އެދި ހުށަހަޅުއްވާފައިވާ ޕެޓިޝަނާއި ގުޅޭ ރިޕޯޓް އަދި ބ.ފުޅަދޫ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލު ކޮށްދިނުމަށް އެދި ހުށަހަޅާ ޕެޓިޝަނާއި ގުޅޭ ރިޕޯޓެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަފIޤް ޙަސަން، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ރަޝީދުއެވެ. ކޮމިޓީއަށް ޚާޒިރުވެވަޑައިނުގަންނަވާ މެންބަރުންނަކީ ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް، ވިލިނގިލި ދާއިރާގެ މެންބަރު މުޙަންމަދު ރާމިޒް،ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއެވެ. ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ ހުންނެވީ ސަލާމުގައެވެ.