ނޫސް ބަޔާން

ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރެއިން ބައެއް މެންބަރުން ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ ތަކަށް ބަދަލުއައުމާ ގުޅިގެން މަޖިލީހުގައި ހިމެނޭ ކޮމިޓީތަކުގައި މެންބަރުން ތަމްސީލުވާ ނިސްބަތަށް ގެންނަންޖެހޭ ބަދަލު ގެނައުމުގައި މަޖިލީހުގެ ސަލާމަތީ ޚިދްމަތްތަކާބެހޭ ކޮމިޓީއަށް ގެނައުމަށް މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ދެއްވި މަޝްވަރާއާ އެކު އެމައްސަލަ މިއަދުގެ ޖަލްސާއަށް މަޖިލީހަށް ހުށަހެޅުމުން ކޮމިޓީގެ ނިސްބަތް ޕާޓީތަކަށް ދީފައިވާ ގޮތާބެހޭ ގޮތުން މަޖިލީހުގައި މެންބަރަކު ނެންގެވި ނިޒާމީ މައްސަލަ އާ ގުޅިގެން ބައެއް މީޑިއާ ތަކުގައި އޮޅުން އަރާ ގޮތަށް އެވާހަކަ ޝާއިޢު ކުރަމުން ދާތީ ދަންނަވަމެވެ.

ސަލާމަތީ ޚިދްމަތް ތަކާ ބެހޭ ކޮމިޓީގައި ދިވެހި ރައްޔިތުންގެ ޕާޓީއަށް ލިބިފައިވާ ނިސްބަތް އެޕާޓީ މަޖިލީހުގައި ތަމްސީލް ކުރާ މެންބަރުންގެ ނިސްބަތް ބަދަލުވުމާ ގުޅިގެން 3 ން 2 އަށް ވަނީ ތިރިވެފައެވެ. އަދި ވަކިޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން އެކޮމިޓީގައި ހިމެނޭ ނިސްބަތް 2 ން 3 އަށް ވަނީ އިތުރުވެފައެވެ.

އެހެންކަމުން މިކޮމިޓީ ފުރަތަމަ އެކުލަވާލިއިރުވެސް ކޮމިޓީގައި ދިވެހި ރައްޔިތުންގެ ޕާޓީީ ފިއަވައި އެހެން ޕާޓީއަކަށް ލިބިފައިވާ ނިސްބަތަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމުގައި ދެންނެވީމެވެ.

ވީމާ ބައެއް މީޑިއާ ތަކުގައި އޮޅުންއަރާ ގޮތަކަށް މިވާހަކަ ޝާއިޢުވަމުން ދިއުމާއެކު މިކަން ސާފުކޮށް އެރުވުމުގެ ގޮތުން މިނޫސްބަޔާން ނެރުނީމެވެ.

 

21 ނޮވެމްބަަރ 2011