މަޖިލީހާއި ގުޅިގެން ކުރިއަށްގެންދާ “ޔޫތް ލީޑަރޝިފް ޕްރޮގްރާމް 2011” ފަށައިފި

އަމިއްލަ ޖަމްޢިއްޔާއެއްކަމުގައިވާ ޑިމޮކްރަސީ ހައުސް އިން އިސްނަގައިގެން، ރައްޔިތުންގެ މަޖިލީހާއި ގުޅިގެން ބާއްވާ “ޔޫތް ލީޑަރޝިޕް ޕްރޮގްރާމް 2011” އިއްޔެ ބަންޑޮސް އައިލެންޑް ރިސޯޓުގައި ފެށިއްޖެ އެވެ.

އަތޮޅުތަކުން ހޮވާލެވިފައިވާ 40 ޒުވާނުން ބައިވެރިވާ މި މިޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހު 19 ވަނަ ދުވަހުން ފެށިގެން އަންނަމަހު 10 ގެ ނިޔަލަށެވެ. މިއީ 2010 ވަނަ އަހަރުން ފެށިގެން މަޖިލީހުގެ އެއްބާރުލުމާއިއެކު ޑިމޮކްރަސީ ހައުސްއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ބައިވެރިން މޮކް ޕާލިމެންޓެއް ހުށަހަޅައިދިނުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން ފަންނީ އެހީތެރިކަން ދިނުމުގެ އިތުރުން މޮކް ޕާލަމަންޓްގެ ރިކޯޑިންގް އެމްއެންބީސީ ވަން އިން ފޮނުވުމަށް މަޖިލީހުން ވަނީ ނިންމާފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ޒުވާނުންތަކުގެ ތެރެއިން އެންމެ ރަނގަޅު 2 ދަރިވަރަކަށް ކޮމަންވެލްތް ދުވަސް ފާހަގަކުރުމަށް ކޮމަންވެލްތް ޕާލަމަންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ.) އިން އިންތިޒާމްކުރައްވައިގެން ބާއްވަވާ ޙަރަކާތްތަކުގައި ބައިވެރިވުމަށް އިނގިރޭސިވިލާތަށް ދިޔުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިގޮތުން ޔޫތް ލީޑަރޝިޕް ޕްރޮގްރާމް 2010 ގެ 2 ބައިވެރިން މިޙަރަކާތުގައި ބައިވެރިވެފައިވެއެވެ.

24 ޛުލްޙިއްޖާ 1432

20 ނޮވެމްބަރ 2011