ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މުޤައްރިރުންނަށް ތަމްރީން ޕްރޮގްރާމްތަކެއް ހިންގެވުމަށް ކޮމަންވެލްތް ޕާލިމެންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ) ގެ ފަރާތުން މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ވަފްދާ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ.
މިވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ 3 މެންބަރުންކަމުގައިވާ މރ. މައިކް ގޭޕްސް އާއި މިސް. ޔޭސްމިން ކުރޭޝީ އަދި މިސް. ހެލަން ގްރާންޓް އެވެ. މި ބޭފުޅުންގެ އިތުރުން އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ އޯވަރސީޒް އޮފީހުގެ ކްލާކް މރ. ކްރިސްޕިން ޕޮއިސަރ ވެސް މި ވަފްދުގައި ހިމެނިވަޑައިގަންނަވަ އެވެ.
ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި ބޭއްވުނު މިބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް ވަނީ ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީސް ހިނގަމުންދާ ގޮތާއި، މަޖިލީހުގައި މިހާރު ކުރެވެމުންދާ މަސައްކަތްތަކާއި ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަންނަމުންދާ ބަދަލުތައް މި ވަފްދުގެ ބޭފުޅުންނަށް އޮޅުންފިލުވައި ދެއްވާފައެވެ. މީގެއިތުރުން މަޖިލީހުގެ މަސައްކަތްތައް ހިންގެވުމަށް ކުރެިމަތިވެވަޑައިގަންނަވާ ދަތިތައް އޮޅުންފިލުވައި ދެއްވިއެވެ.
މިބޭފުޅުން ތަމްރީން ޕްރިގްރާމްތައް ހިންގެވުމަށް ހަމަޖެހިފައިވަނީ މިމަހު 15 އިން 17 ގެ ނިޔަލަށެވެ.
19 ޛުލްޚިއްޖާ 1432
15 ނޮވެމްބަރ 2011