އިންޑޮނީޝިއާގެ ޤާނޫނުހަދާމަޖިލީހުގެ އިންޓަރ ޕާލިމަންޓްރީ ކޯޕަރޭޝަން ކޮމިޓީގެ ވަފްދު މަޖިލީހުގެ ރައީސް އާ ބައްދަލުކުރައްވައިފި

އިންޑޮނީޝިއާ ޤާނޫނުހަދާމަޖިލީހުގެ އިންޓަރ ޕާލިމަންޓްރީ ކޯޕަރޭޝަން ކޮމިޓީގެ ވަފްދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އާ މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިސްކުރާގޭގައި މިއަދު ބޭއްވުނު މިބައްދަލުކުރެއްވުމުގައި އިންޑޮނީޝިއާގެ ޕާލަމެންޓްގެ ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް މަޖިލީހުގެ ރައީސް މަރުޙަބާ ވިދާޅުވިއެވެ. މިބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެ އާއި އިންޑޮނީޝިއާ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ދެޤައުމާއި ދެގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް ޔަޤީންކުރައްވާކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި އިންޑޮނީޝިއާ ޤާނޫނުހަދާމަޖިލީހުގެ އިންޓަރ ޕާލިމަންޓްރީ ކޯޕަރޭޝަން ކޮމިޓީގެ މުޤައްރިރު މަޖިލީހުގެ ރައީސަށް ޝުކުރު އަދާކުރައްވައި، ދިވެހިރާއްޖެ އާއި އިންޑޮނީޝިއާ އާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވިދާނެ ދާއިރާތައް އޮޅުންފިލުއްވެވިއެވެ.

މި ބައްދަލުވުމުގައި މަޖިލީހުގެ އިދާރާގެ އަމީން ޢާންމު އަޙްމަދު މުޙައްމަދު އާއި މަޖިލީހުގެ އިދާރާގެ ހެޑް އޮފް ފޮރިން ރިލޭޝަންސް އެންޑް ޕްރޮޓޮކޯލް އަލްއުސްތާޛާ ޝަޒްރާ ޢަބްދުއްސައްތާރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

18 ޛުލްޙިއްޖާ 1432

14 ނޮވެމްބަރ  2011