ނޫސް ބަޔާން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މާދަމާ ނުބާއްވަވާ ގޮތަށް ހަމަޖައްސަވައިފިއެވެ. މަޖިލީހުގެ ޖަލްސާ މާދަމާ ނުބާއްވަވާ ގޮތަށް ހަމަޖެއްސެވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑި އާއި ބެހޭ ގޮތުން ޚިލާފު އުފެދިފައިވާ މައްސަލާގައި މަޖިލީހުގެ ޖަލްސާ ތައް ކުރިއަށް ނުގެންދެވި ހުއްޓާލަންޖެހިފައިވުމާއި މި މައްސަލައަށް މަޖިލީހުގެ ތެރެއިން ޙައްލެއް ހޯއްދެވުމަށް މަޖިލީހުގެ ރައީސް ކުރެއްވި މަސައްކަތްޕުޅުން އަލިމަގެއް ފެނިފައިނުވުމާއެކު އެމައްސަލައަށް ޙައްލެއް ނުހޯދައި މަޖިލީހުގެ ޖަލްސާ އެއް ބާއްވައިފިނަމަ ކުރިއެކޭވެސް އެއްގޮތަށް މަސައްކަތެއް ނުކުރެވި ޖަލްސާ ހުއްޓާލަން ޖެހިދާނެ ކަމަށް ފެނިވަޑައިގަންނަވާތީއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާ ގައިވާގޮތުން މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ، އެމައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސްޕްރީމްކޯޓުންނެވެ.

ޤާނޫނު އަސާސީގެ 74 ވަނަ މާއްދާ އަށް ރިޢާޔަތް ކޮށް އަމިއްލަފަރާތަކުން މިމައްސަލަ މިހާރު ވަނީ ސްޕްރީމްކޯޓަށް ހުށަހަޅާފައި ކަމަށް ވާތީ އާއި ސްޕްރީމް ކޯޓުން އެމައްސަލަ މިހާރު ބައްލަވަމުން ގެންދެވުމާއި އެކު މިމައްސަލާގައި ސްޕްރީމްކޯޓުން ނިޔާ އެއް އައުމުގެ ކުރިން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންގޮސްފިނަމަ ކުރިއެކޭ ވެސް އެއްގޮތަށް ޢަމަލީ މަސައްކަތެއް ފައިދާހުރި ގޮތެއްގައި ކުރެވިގެން ހިގައިދާނެ ކަމަކަށް ނުފެނެއެވެ. އެހެން ކަމުން މިމައްސަލައާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވި މިހާރު ހުއްޓިފައިވާ ކަމާއި ސްޕްރީމްކޯޓުގައި ބައްލަވަމުންގެންދަވާ މައްސަލައަށް އިސްކަމެއްދެއްވައިގެން އެމައްސަލަ ކުރިއަށްގެންގޮސްދެއްވުމަށް މިހާރު ވަނީ އުއްތަމަ ފަނޑިޔާރަށް މަޖިލީހުގެ ރައީސް ސިޓީއަކުން ދަންނަވާފައެވެ.

މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލެވިފައިވިނަމަވެސް މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ދާނެއެވެ.

17 ޛުލްޙިއްޖާ 1432

13 ނޮވެމްބަރ 2011