ރައްޔިތުންގެ މަޖިލީހުން އެހީތެރިކަން ބޭނުންވާ ދާއިރާތަކަށް އެހީތެރިކަން ދެއްވަން ތައްޔާރަށް ހުންނެވިކަމަށް އިންޑިޔާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ޑޮކްޓަރ މަންމޯހަން ސިންގ ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުން އެހީތެރިކަން ބޭނުންވާ ދާއިރާތަކަށް އެހީތެރިކަން ދެއްވަން ތައްޔާރަށް ހުންނެވިކަމަށް އިންޑިއާގެ ބޮޑުވަޒީރު ހިޒްއެކްސަލަންސީ ޑރ. މަންމޯހަން ސިންގ މިއަދު ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ ބޮޑުވަޒީރު މިހެން ވިދާޅުވީ އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރެއްވުމަށް ޚާއްސަކޮށްގެން މިއަދު މެންދުރު 12:00 ގައި ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އެހީތެރިކަން ދެއްވަން އިންޑިޔާ އޮތީ ތައްޔާރަށްކަމަށެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހަށް ބޭނުންވާ ތަމްރީނުތަކާއި ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް އިންޑިޔާގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ތަޤްރީރުގައި މިފަދަ ފުރުޞަތެއް ދެއްވިކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އާއި މެންބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ.

އިންޑިޔާގެ ބޮޑުވަޒީރު ވިދާޅުވިގޮތުގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ދިވެހިން ޑިމޮކްރަސީ ބޭނުންވާކަން ހެކިވެއެވެ. މިގޮތުން ޑިމޮކްރަޓިކް ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެ ހޯދަމުން ގެންދަވާ ކާމިޔާބީތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމާއި ވާހަކަދެއްކުމުގެ މިނިވަންކަމާއި މީޑިޔާގެ މިނިވަންކަމަކީ ޑިމޮކްރަސީއެއްގެ ތަނބުތައްކަން ފާހަގަކުރައްވައި، ރައްޔިތުންގެ މަޖިލީހުން މިހައްޤުތައް ޔަޤީންކޮށްދީފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިޔާގެ ބޮޑުވަޒީރު ފާހަގަކުރެއްވިގޮތުގައި 1965 ގައި ދިވެހިރާއްޖެ މިނިވަން ވުމަށްފަހު ޤައުމު ބިނާކުރުމުގައި ވަނީ ބޮޑެތި ކުރިއެރުންތައް ހޯދާފައެވެ. އެމަނިކުފާނު ތަޤުރީރު ނިންމަވާލެއްވީ ގާތް ރަޙްމަތްތެރިއެއްގެ ގޮތުގައި އިންޑިޔާ ރާއްޖެއާ އެކު އަބަދުވެސް ހުންނާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

އިންޑިއާގެ ބޮޑުވަޒީރު ހިޒްއެކްސަލަންސީ ޑރ. މަންމޯހަން ސިންގ ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރެއްވުމަށް ޚާއްޞަ ކޮށްގެން މިއަދު ބޭއްވެވި ޖަލްސާ އަށް ރައްޔިތުންގެ މަޖިލީހުގެއަށް އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަޑައިގަތުމުން އެދެބޭފުޅުންނަށް މަރުޙަބާ ވިދާޅުވީ ރައްޔިތުނަގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އާއި އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ ޢާއިޝަތު ސުއިޒާ އެވެ. މިދެބޭފުޅުންގެ އިތުރުން މަޖިލީހުގެ ނައިބުރައީސް އަޙްމަދު ނާޒިމް އާއި މެޖޯރިޓީ ލީޑަރ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞާލިޙު އާއި މައިނޯރިޓީ ލީޑަރ ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީ އާއި ޕީއޭ ގެ ފަރާތުން ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރާއި ރައްޔިތުންގެ މަޖިލީހުގެ އަމީން އާމް އަޙްމަދު މުޙައްމަދު އެދެބޭފުޅުންނަށް މަރުޙަބާ ވިދާޅުވުމަށް ތިއްބެވިއެވެ.

16 ޛުލްޙިއްޖާ 1432

12 ނޮވެމްބަރ 2011