ދިވެހިރާއްޖޭގައި، ޗައިނާގެ އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ބައިވެރިވެވަޑައިގެންފި

ޓްރޭޑަރސް ހޮޓަލްގައި މިރޭ ބޭއްވުނު ޗައިނާގެ އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

މިރަސްމިޔާތު ހުޅުވައިދެއްވުމުގެ ގޮތުން ޗައިނާގެ އެމްބަސީގެ ނަން ލިޔެފައިވާ ބޯޑު ކައްސަވާލަދެއްވެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އާއި ސްޕެޝަލް އެންވޯއީ ޓު ދަ ޕްރެޒިޑެންޓް އިބްރާހީމް ހުސެއިން ޒަކީ އާއި ޗައިނާގެ ވައިސްފޮރިން މިނިސްޓަރ އޮނަރަބަލް ޖަން ޖީޖުން އެވެ.

މިރަސްމިއްޔާތުގައި ޗައިނާގެ ވައިސްފޮރިން މިނިސްޓަރ އޮނަރަބަލް ޖަން ޖީޖުން ދެއްކެވި ވާހަކަވުޅުގައި ރާއްޖޭގައި ޗައިނާގެ އެމްބަސީއެއް ހުޅުވުމުގެ އެންމެ ބޮޑު މަޤްޞަދަކީ، ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ރަޙްމަތްތެރިކަމުގެ ގުޅުން ބަދަހިކޮށް، ވިޔަފާރިއާއި ފަތުރުވެރިކަން ކުރިއެރުވުމާއި އަދި، ޚާރިޖީ ދާއިރާގައި ހަރަކާތްތެރިކަން އިތުރުކުރުން ކަމުގައި ވިދާޅުވިއެވެ. އަދި ޗައިނާއާއި ރާއްޖެއާ ދެޤައުމުގެ ޒަމާންވީ ގުޅުމުގެ މައްޗަށް ބައްލަވާލައްވައި ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ މިއަންނައަހަރު 40 އަހަރު ފުރޭނެކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި ޗައިނާގެ އެމްބަސީއެއް މިއަހަރު ހުޅުވާނެކަން ރަސްމީކޮށް އިޢުލާންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ދަޢުވަތަކަށް މިއަހަރު ރާއްޖެއަށް ވަޑައިގެންނެވި ޗައިނާގެ ޤާނޫނުހަދާމަޖިލީހުގެ ރައީސް ހިޒް އެކްސެލެންސީ މރ. ވޫ ބަންގޫ ރައްޔިތުންގެ މަޖިލީހުގެ ގޭގާއި މަޖިލީހުގެ ރައީސްއާއި އެކު ބޭއްވެވި ރަސްމީ ވާހަކަފުޅުގައެވެ.