ޤައުމީ ސަލާމަތުގެ ކޮމިޓީގެ ބައްދަލުވުން މިރޭ ބާއްވައިފި

ޤައުމީ ސަލާމަތުގެ ކޮމިޓީގެ ބައްދަލުވުން މިރޭ 20:35 ގައި ބާއްވައިފިއެވެ. މި  ބައްދަލުވުމަކީ، އެ ކޮމިޓީން ދިރާސާކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި، އޭނާގެ އެއްބަފާ ކޮއްކޯފުޅު މއ. ކާމިނީހުޅަނގުގޭގެ، އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ގުޅިގެން ހިންގަވާފައިވާކަމަށް ތުހުމަތުކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގުވިޔަފާރިއާއި ޙިޔާނާތުގެ މައްސަލަ ތަޙްޤީޤް ކުރުމަށްއެދި ދިވެހި ސަރުކާރަށް ގޮވާލާ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާވައިފައިވާ ޤަރާރު ދިރާސާކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން ތިން މެންބަރުން ސޮއިކޮށް ލިޔުމަކުން އެދިވަޑައިގެންނެވުމުން ބޭއްވުނު ބައްދަލުވުމެކެވެ.

މިރޭ ބޭއްވުނު ބައްދަލުވުމުގައި ކޯރަމް ހަމަވާވަރަށް މެންބަރުން ވަޑައިގެންފައިވީނަމަވެސް، ކޮމިޓީގެ ގިނަ މެންބަރުން ބައިވެރިކުރުމުގެ ގޮތުން ކޮމިޓީގެ ބައްދަލުވުން 8:55 ށް ފަސްކޮށްދެއްވުމަށާއި، ކޮމިޓީގެ ބައްދަލުވުން މީޑިއާއަށް ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ތާރިޤް ހުށަހަޅުއްވާ ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒް ތާއީދުކުރެއްވިއެވެ.  އަދި އެވަގުތު ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި އެއްވެސް މެންބަރެއް އިޢުތިރާޟް ނުކުރައްވާތީ، އެގޮތަށް ފާސްވިއެވެ.

އެއަށްފަހު، މިމައްސަލައާ ގުޅޭގޮތުން މިހާތަނަށް ކޮމިޓީއަށް ލިބިފައިހުރި މަޢުލޫމާތުތަކުގެ އަލީގައި މިމައްސަލަ މިހާރު ގޮސްފައިވާ ހިސާބުގެ ހުލާސާއެއް ކޮމިޓީގެ މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަހީދު މެންބަރުންނަށް އެރުވިއެވެ. އަދި މިމައްސަލައާއިބެހޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ތާރިޤް ހުށަހަޅުއްވާ ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒް ތާއީދުކުރެއްވައި، މާދަމާ (2 ނޮވެމްބަރ 2011) ގައި އޮންނަ މިކޮމިޓީގެ ބައްދަލުވުމަށް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ހާޒިރުކުރެއްވުމަށް ހުށަހެޅުނެވެ. އަދި މިހުށަހެޅުން ފާސްކުރެއްވުމަށް ވޯޓަށް އެއްސެވުމުން 4 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްވިއެވެ.

މިކޮމިޓީއަށް ޚާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް،ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒު،އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު،މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ތާރިޤް، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް ޢަބްދުﷲއެވެ. ކޮމިޓީއަށް ޚާޒިރުވެ ވަޑައިނުގަންނަވާ މެންބަރުންނަކީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފުއެވެ. ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުންނެވީ ސަލާމުގައެވެ.