5 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ 5 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ބާއްވައިފިއެވެ. އެއީ މާލިއްޔަތު ކޮމިޓީ އާއި އެމް.އެން.ބީ.ސީ ގެ މައްސަލަތައް ބެއްލެވުމަށް ހޮއްވެވި ސަބް ކޮމިޓީ އާއި ގަވާއިދު ކޮމިޓީ އާއި ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީީ އާއި ޤައުމީ ސަލާމަތުގެކޮމިޓީ އާއި ޢާންމު ކޮމިޓީ އާއި ސިޔާސީ ޕާޓީތަކުގެ ބިލު ދިރާސާ ކުރެއްވުމަށްޓަކައި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއެވެ.

މާލިއްޔަތު ކޮމިޓީގެ 2 ބައްދުލުވުމެއް ބޭއްވިފައިވެއެވެ. ފުރަތަމަ ބައްދަލުވުން ބޭއްވިފައިވަނީ 9:54 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި އެންޓިކޮރަޕްޝަން ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއިމެދު މަޝްވަރާކުރެއްވުމަށްފަހު، މޯލްޑިވްސް މީޑިއާ ކައުންސިލްގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް އާއިމެދު މަޝްވަރާ ކުރެއްވުން ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ކޮމީޓީގެ އެހެނިހެން ކަންކަމަށް ކަނޑައެޅިފައިވާ ވަގުތުގައި ކޮމިޓީގެ މުޤައްރިރު އެމް.އެން.ބީ.ސީ އިން އަމިއްލަ ފަރާތްތަކުން ލޯނު ނަންގަވަމުންދާކަމުގެ މަޢުލޫމާތު ލިބިލައްވާފައިވާތީ އެކަން ކޮމިޓީގެ މެންބަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، އެމް.އެން.ބީ.ސީ މައްސަލަ ބެއްލެވުމަށް ސަބް-ކޮމިޓީއެއް އެކުލަވާލެއްވުމަށް ނިންމެވިއެވެ. މިކޮމިޓީގެ ބައްދަލުވުމަށް ޚާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު އަދި އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒްއެވެ. ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު އާއި ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަހްމަދު އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް ކޮމިޓީ ޚާޒިރުވެވަޑައިގެންފައެއް ނުވެއެވެ.

މާލިއްޔަތު ކޮމިޓީގެ 2 ވަނަ ބައްދަލުވުން ބޭއްވިފައިވަނީ 16:35 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) ގެ އެކްސްޓެންޑެޑް ފަންޑް ފެސިލިޓީ/ އެކްސްޓެންޑެޑް ކްރެޑިޓް ފެސިލިޓީ (އީ.އެފް.އެފް/އީ.ސީ.އެފް) ގެ ދަށުން ޕްރޮގްރާމަކަށް ދިޔުމާއިމެދު، އައި.އެމް.އެފް މިޝަންގެ ބޭފުޅުންނާއިއެކު މަޝްވަރާކުރެއްވިއެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު، ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަހްމަދު،މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމްއެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އަދި އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒްއެވެ.

 

އެމް.އެން.ބީ.ސީ ގެ މައްސަލަތައް ބެއްލެވުމަށް ހޮއްވެވި ސަބް ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 12:55 ގައެވެ. މިކޮމެޓީގެ ބައްދަލުވުމުގައި އެންމެފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމެވެ. އެއަށްފަހު، ކޮމިޓީގެ އަދި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 133 ވަނަ މާއްދާގެ (ހ) ގެ ދަށުން ސަބް-ކޮމިޓީއިން ޢަމަލު ކުރާނެ ގަވާއިދަކީ މައި ކޮމިޓީއިން ޢަމަލު ކުރަމުންގެންދާ ގަވާއިދު ކަމުގައި ނިންމެވިއެވެ. މިކޮމިޓިއަށް ޚާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމްއެވެ.

ގަވާއިދު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:25 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި ކުރިއަށް ގެންގޮސްފައިވަނީ މަޖިލީހުން އުވާލާ ގަވާއިދުތަކަށް ސުޕްރީމް ކޯޓުން ޢަމަލުކޮށް ޚުކުމްތައް ތަންފީޒުކުރަމުންދާ ކަމަށް ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒު ވިދާޅުވުމާ ގުޅިގެން އެކަމާ ގެޅޭގޮތުން ކޮމިޓީގެ މެންބަރުން މަޝްވަރާކުރެއްވިއެވެ. އެއަށްފަހު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދު އާއްމު ގަވާއިދުތަކާ ބެހޭ ޤާނޫނުގައި ހިމަނައި ދިނުމަށް ހުށަހަޅުއްވާފައިވާތީ، ކޮމިޓީން އެ ގަވާއިދު އިސްލާޙު ކުރި ގޮތަށް އާއްމު ގަވާއިދުތަކާ ބެހޭ ޤާނޫނުގައި ހިމެނުމަށް އެދި މަޖިލީހުގެ ތަޅުމަށް ފޮނުއްވުމަށް ކޮމިޓީގެ މެންބަރުންގެ އިއްޠިފާޤުން ނިންމެވިއެވެ. އަދި މިބައްދަލުވުމުގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު އެއްކޮށްދިރާސާކުރައްވާ، ބައެއް މާއްދާތަކަށް ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރުމަށް ފަހު ބަދަލުގެންނެވުމަށް ކަނޑައަޅުއްވާ ކޮމިޓީ ނިންމަވާ ލެއްވިއެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ،ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު، ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް،ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަފީޤު ހަސަން އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަތީފްއެވެ. ވަޑައިނުގަންނަވާ މެންބަރުންނަކީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ،ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް، އިސްދޫ ދާއިރާގެ މެންބަރު އަހްމަދު ރަޝީދު އިބްރާހީމް،އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އަދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދުއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 12:50 ގައެވެ. މި ކޮމިޓީގެ ބައްދަލުވުމުގައި “ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ބިލު” ގެ 520 ވަނަ މާއްދާއިން ފެށިގެން 524 ވަނަ މާއްދާގެ ނިޔަލަށް ބެއްލެވިއެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ނައިފަރުދާއިރާގެމެންބަރު އަޙްމަދު މުޙަންމަދު، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، އަދި ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާއެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ މާފަންނުއުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އަދި ފޮނަދޫދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲއެވެ. އުނގޫފާރު ދާއިރާގެ މެންބަރު އަފްރަޝީމް ޢަލީ ހުންނެވީ ސަލާމުގައެވެ.

ޤައުމީ ސަލާމަތުގެކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 10:40 ގައެވެ. މިބައްދަލުވުމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި. އޭނާގެ އެއްބަފާ ކޮއްކޯފުޅު މއ. ކާމިނީހުޅަނގުގޭގެ، އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ގުޅިގެން ހިންގަވާފައިވާކަމަށް ތުހުމަތުކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގުވިޔަފާރިއާއި ޙިޔާނާތުގެ މައްސަލަ ތަޙްޤީޤް ކުރުމަށްއެދި ދިވެހި ސަރުކާރަށް ގޮވާލާ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާވައިފައިވާ ޤަރާރުދިރާސާކުރެއްވުމުގެ މަސައްކަތް ކުރެއްވިއެވެ.

ޢާންމު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 14:05 ގައެވެ. މިކޮމިޓީގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 94 ވަނަ މާއްދާގެ (ދ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުގެ ނައިބުގެ މަޤާމު ހަމަޖެއްސެވުމާ ގުޅޭގޮތުން ކޮމިޓީގައި މަޝްވަރާކުރެއްވުމަށްފަހު، ޕާލިމަންޓްރީ ސަރވިސްގެ ވަޒީފާގެ އޮނިގަނޑު އިޞްލާޙުކުރެއްވުމަށްފަހު ކޮމިޓީއަށް ހުށަހެޅުމަށް، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ޞާލިޙު ހުށަހަޅުއްވާ، ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީ ތާޢީދުކުރައްވާ އެވަގުތު ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ޞާލިޙު، ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީ، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރުއެވެ. ވަޑައިނުގަންނަވާ މެންބަރުންނަކީ ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުހުސިން ޙަމީދު، މެދު ހެންވޭރު ދާއިރާގެ ޢަލީ ޢާޒިމް، ކުޑަ ހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރުުއެވެ. މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ހުންނެވީ ސަލާމުގައެވެ.

ސިޔާސީ ޕާޓީތަކުގެ ބިލު ދިރާސާ ކުރެއްވުމަށްޓަކައި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ހޮއްވެވި ޕެނަލްގެ ބައްދަލުވުން ބޭއްވިފައިވަނީ 11:00 ގައެވެ.      މި ބައްދަލުވުމުގައ ިސިޔާސީ ޕާޓީތަކުގެ ބިލަށް މެންބަރުން މަޖިލީހުގެ ފްލޯގައި ފާޅުކޮށްފައިވާ ޚިޔާލުތަކުގެ އަލީގައި ބިލުގައި ހިމެނޭ ބައެއް މަފްޙޫމްތަކާމެދު ވާހަކަދެކެވުނެވެ. މިގޮތުން ބިލުގެ 12 ވަނަ މާއްދާއިން ފެށިގެން ބިލުގެ އެންމެ ފަހު މާއްދާއާހަމައަށް މަޖިލީހުގެ ފްލޯގައި މެންބަރުން ފާޅުކޮށްފައިވާ ޚިޔާލުތަކުގެ އަލީގައި ބިލުގެ މަފްޙޫމްތަކަށް މެންބަރުންގެ ޙިޔާލުފުޅު ހުށަހެޅުއްވިއެވެ. އަދި އެއަށްފަހު އިލެކްޝަން ކޮމިޝަނުން ބިލަށް ގެންނަން ބޭނުންފުޅުވާ އިސްލާޙް ތަކާމެދުވެސް މެންބަރުން ޙިޔާލު ފާޅުކުރެއްވިއެވެ. ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރުއެވެ. ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު ކޮމިޓީއަށް ވަޑައެއް ނުގަންނަވައެވެ.

 

27 ޛުލްޤަޢިދާ 1432

25 އޮކްޓޯބަރ 2011