ވާރލްޑް ބޭންކް ސީނިއަރ ކަންޓްރީ އިކޮނޮމިސްޓް މރ.ފްރޭންސިސް ރޯވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާ ބައްދަލުކުރައްވައިފި

ވާރލްޑް ބޭންކުގެ މިޝަންގެ ފަރާތުން މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސީނިއަރ ކަންޓްރީ އިކޮނޮމިސްޓް މރ.ފްރޭންސިސް ރޯވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދު އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީސް ކުރާ ގޭގައި މިއަދު ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމަކީ މިހާރު ހިނގަމުންދާ ވާރލްޑް ބޭންކުގެ ކަންޓްރީ އެސިސްޓަންޓް ސްޓްރެޓެޖީ (ސީ.އޭ.އެސް) އަންނަ އަހަރުގެ ޖޫން މަހު ނިމޭއިރަށް، ވާރލްޑް ބޭންކުގެ ޕާރޓްނަރޝިޕް ސްޓްރެޓެޖީ (ސީ.އެސް.ޕީ) އާއި ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުވުމެކެވެ.

މިބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް ވަނީ ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ރޭއްވިފައިވާ ގޮތުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މރ.ފްރޭންސިސް ރޯވީގެ ވާހަކައިގައި ރާއްޖޭގެ އިޤްތިޞާދާ ގުޅޭގޮތުން މައުލޫމާތު އޮންފިލުއްވެވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ކަންޓްރީ އެސިސްޓަންޓް ސްޓްރެޓެޖީ (ސީ.އޭ.އެސް) އެކުލަވާލުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި ތަމްޞީލް ކުރައްވަމުން ގެންދަވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

26 ޛުލްޤަޢިދާ 1432

24 އޮކްޓޯބަރ 2011