ކާށިދޫ ދާއިރާގެ މެންބަރު އިސްލާޢިލް އަބްދުލް ޙަމީދުގެ މައްސަލައިގައި ހައްލެއް ހޯއްދެވުމަށް ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާކުރެއްވުމަށް އިތުރު ވަގުތު ބޭނުންވާތީ މިއަދުގެ ޖަލްސާ ނިންމަވާ ލައްވައިފި

ކާށިދޫ ދާއިރާގެ މެންބަރު އިސްމާޢިލް އަބްދުލް ޙަމީދު ގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި ނެގެމުންދިޔަ ނިޒާމީ މައްސަލަތަކާ ގުޅިގެން އެމައްސަލައަށް ހައްލެއް ހޯދުމަށް ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާކުރެއްވުމަށް އިތުރު ވަގުތު ބޭނުންވާތީ މިއަދުގެ ޖަލްސާ ނިންމަވާލައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ދަނިކޮށް، ގިނަ މެންބަރުންތަކެއް ނިޒާމީ މައްސަލަތައް ނަންގަވަން ފެއްޓެވުމުން 09:41 ގައި ރިޔާސަތުން ޖަލްސާ މެދުކަނޑާލައްވައި، 11:00 ގައި ޖަލްސާ ކުރިއަށް ގެންދެވުމަށް ނިންމެވިއެވެ. އެހެންނަމަވެސް، ޕާޓީތަކުގެ ލީޑަރުންގެ މެދުގައި ކުރެވޭ މަޝްވަރާތައް ކުރިއަށް ގެންދެވުމަށްޓަކައި 11:01 ގައި ރިޔާސަތުން މިއަދުގެ ޖަލްސާ ނިންމަވާލެއްވި އެވެ.

މިއަދުގެ ޖަލްސާގައި ނިލަންދޫ ދާއިރާގެ މެންބަރު އަޙްމަދު މުޙްސިން ޙަމީދު، މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް މުޙަންމަދު އަސްލަމްއާ ސުވާލުކުރެއްވުން އޮތެވެ.

26 ޛުލްޤައިދާ 1432

24 އޮކްޓޯބަރ 2011