ރާއްޖޭގައި ހުންނަ ޖަޕާނުގެ އެހީގެކަންކަން ހިންގާ އޮފީހުގެ މަންދޫބާއި މޯލްޑިވްސް ޖަޕާން ޕާރލިމަންޓްރީ ފްރެންޑްޝިޕް ގްރޫޕުގެ ރައީސް މޫސާ މަނިކާ ބައްދަލުކުރައްވައިފި

ރާއްޖޭގައި ހުންނަ ޖަޕާނުގެ އެހީގެކަންކަން ހިންގާ އޮފީސްކަމުގައިވާ ޖައިކާގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް މިސްޓަރ މަކޮޓޯ ނޮނެބޭ (Mr. Makato Nonebe) އާއި ރައްޔިތުންގެ މަޖިލީހާއި ޖަޕާނުގެ ޤާނޫނު ހަދާމަޖިލިސް ކަމުގައިވާ ނެޝެނަލް ޑައިޓް (National Diet) އާއި ދެމެދު އެކުވެރިކަމާއި ތަޖުރިބާ ބަދަލުކުރުމުގެ ގޮތުން ރާއްޖޭގައި އުފެދިފައިވާ މޯލްޑިވްސް ޖަޕާން ޕާރލިމަންޓްރީ ފްރެންޑްޝިޕް ގްރޫޕުގެ ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކާ މިއަދުގެ މެންދުރުގެ ވަގުތެއްގައި ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިސްކުރާގޭގައި މިއަދު ބޭއްވުނު މިބައްދަލު ކުރެއްވުމަކީ މޫސާ މަނިކު ޖަޕާނަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅަކާއި ގުޅިގެން ރާއްޖޭގެ ތަރައްޤީއަށްޓަކައި ޖަޕާނުގެ ސަރުކާރުގެ އެހީދޭ ޖަމާޢަތްކަމުގައިވާ ޖައިކާއިން ހިންގާ ތަފާތު މަސައްކަތާބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމުގެގޮތުން ބޭއްވުނު ބައްދަލުކުރެއްވުމެކެވެ.

ޖައިކާގެ ރެސިޑެންޓް ރެޕްރެޒެންޓިވް އާއިއެކު މިއަދު ބޭއްވުނު ބައްދަލުކުރެއްވުމުގައި ހުޅުހެންވޭރު ދާއިރާގެ މެންބަރު ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހަށް އައިސްފައިވާ ބަދަލުތަކާއި، މޯލްޑިވްސް ޖަޕާން ޕާރލިމަންޓްރީ ފްރެންޑްޝިޕް ގްރޫޕުގެ މަޤްޞަދުތަކާއި ކުރަން ރާއްވަވާ މަސައްކަތްތަކާއި ގުޅޭގޮތުން މިސްޓަރ މަކޮޓޯ ނޮނެބޭއަށް މަޢުލޫމާތުދެއްވެވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ދިމާވެފައިވާ ބައެއްދަތިތަކާއިގުޅޭގޮތުން ކަންކަން އޮޅުންފިލުވައިދެއްވެވިއެވެ.

މިދިޔައަހަރު ފާސްކުރެވުނު ދިވެހިރާއްޖޭގެ އައުޤާނޫނުއަސާސީއާއެކު ހުރިހާ ކަމެއްވެސް ޑިމޮކްރަސީގެ ހަމަތަކާއި އުޞޫލުތަކުގެ މަތިން ކުރިއަށް ގެންދެވޭކަމަށާއި، އަދި މަޖިލީހުގައި ހުރިހާ ކަމެއްވެސް މިހާރު ގެންދެވެނީ ޑިމޮކްރެޓިކް ޕްރެކްޓިސްތަކާއި އެއްގޮތަށްކަމުގައި ހުޅުހެންވޭރު ދާއިރާގެ މެންބަރު މިސްޓަރ މަކޮޓޯ ނޮނެބޭއަރިހުގައި ވިދާޅުވިއެވެ. ނަމަވެސް މަޖިލީހުގެ ޖާގައިގެ ދަތިކަމުންނާއި ޤާބިލުމުވައްޒަފުން ލިބެންނެތުމުގެ ސަބަބުން ކަންކަންދާންވާ ހަލުވިމިނުގައި ގެންދިއުމަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް އެޅޭކަމުގައި މޫސާ މަނިކު ފާހަގަކުރެއްވެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ތަޖުރިބާއާއި މަޢުލޫމާތު ޚިއްސާކުރެއްވުމުގެ ފުރުޞަތު ހޯއްދަވައި ދެއްވުމުގެ ގޮތުންނާއި އަދި ޖަޕާނާއި ރާއްޖޭގެ ކިޔަވާކުދިންގެ މެދުގައި މަޢުލޫމާތު ބަދަލުކުރެވޭނެ ގޮތަކަށް ދެޤައުމުގެ ދެމެދުގައި އެކްސްޗޭންޖް ޕްރޮގްރާމެއް ހަމަޖެއްސުމާއި މެދުވެސް މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނެވެ. އަދި ޖައިކާއިން ރާއްޖޭގެ ތަރައްޤީއަށް ކޮށްދެއްވަވާ އަގުހުރި މަސައްކަތަށާއި ފޯރުކޮށްދެއްވަވާ އެހީތެރިކަމަށްޓަކައި މޯލްޑިވްސް ޖަޕާން ޕާރލިމަންޓްރީ ފްރެންޑްޝިޕް ގްރޫޕުން ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމުގައި މިގްރޫޕްގެ ރައީސްގެ ހައިސިއްޔަތުން މޫސާ މަނިކު ވިދާޅުވިއެވެ.