އިރާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މރ. މަހުމޫދު ރަހީމީ ގޫރޖީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.
މިޒިޔާރަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އެމަނިކުފާނު އެ މަޤާމުގައި ހުންނަވައި ރާއްޖެ އަށް ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިމަގުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މރ. މަހުމޫދު ރަހީމީ ގޫރޖީގެ ވާހަކަފުޅުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ޤާނޫނު ހަދާ މަޖިލީހުގެ ދާއިރާގެ ތެރެއިން ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. މީގެއިތުރުން އިރާނުގެ އެތެރޭގެ މަޝްރަހާއި ބައިނަލްއަޤްވީ ގޮތުން އެޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް މަޖިލީހުގެ ރައީސް އަށް އޮޅުންފިލުވައިދެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ދެބޭފުޅުންވަނީ ބައިނަލްއަޤްވާމީ މަޝްރަހުގައި މިހާރު ހިނގަމުންދާ މުހިންމު މައްސަލަތަކާބެހޭގޮތުން ހިޔާލު ބަދަލުކުރައްވާފައެވެ.
25 ޛުލްޤަޢިދާ 1432
23 އޮކްޓޯބަރ 2011