މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 9 ވަނަ ޖަލްސާގައި، ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ޒިޔާރާތް ކުރެއްވުމަށް ހަމަޖެހިފައިވާ އިންޑިއާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ޑޮކްޓަރ މަންމޯހަން ސިންގ ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް ދަޢުވަތު އަރުވަން ފާސްކުރައްވައިފިއެވެ. މިމައްސަލަ ފާސްވީ އެވަގުތު ޖަލްސާއަށް ހާޒިރުވެވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ ޢިއްތިފާގުންނެވެ.
މިއަދުގެ ޖަލްސާގައި ތަނަވަސް އަޣުލަބިއްޔަތަކުން މިމައްސަލަ ފާސްވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ވިދާޅުވީ ޢިއްޒަތްތެރި މެންބަރުންގެ ވާހަކަފުޅުގައި ފާޅުކުރެއްވި ޝުޢޫރުތަކާއި އެއްގޮތަށް ޕާލިމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާއެކު މަސައްކަތްކޮށް، އިންޑިއާގެ ބޮޑުވަޒީރަށް މިމަޖިލީހަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވުމުގެ ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދަވާނެކަމަށެވެ. އަދި މިއަދު މިކަމާބެހޭ ރަސްމީ ލިޔުން އިންޑިއާގެ ސަރުކާރަށް މަޖިލީހުން ނިންމެވި ގޮތުގެމަތީން ފޮނުއްވަވާނެކަމަށްވެސް ވިދާޅުވިއެވެ.
ބޭރު ޤައުމެއްގެ ދައުލަތުގެ އެންމެ އިސްވެރިޔަކު ނުވަތަ ސަރުކާރުގެ އެންމެ އިސްވެރިޔަކު ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރެއްވުމާ ގުޅޭގޮތުން މަޖިލީހުގެ ގަވާއިދަށް ހުށަހަޅުއްވާފައިވާ އިޞްލާޙު ދިރާސާކުރެއްވުމަށްފަހު، ޢާންމު ކޮމިޓީން ނިންމެވި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފާސްކުރައްވާފައިވެއެވެ.
21 ޛުލްޤައިދާ 1432
19 އޮކްޓޯބަރ 2011