ޓްރިޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް އިންޑިއާ އެންޑް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓަރސް ގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރައްވައި ތަޞްދީޤުކުރެއްވުމާމެދު، މަޖިލީހުން ރުހުން ދެއްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 9 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ 2 ވަނަ ނަންބަރު ގައިވާ ގޮތުގެމަތިން، ޓްރިޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓަރސް ގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރައްވައި ތަޞްދީޤުކުރެއްވުމުގެ މައްސަލަ ޤައުމީ ސަލާމަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފިއެވެ.

އަދި ސަރުކާރުގެ ފަރާތުން، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ހުށަހަޅުއްވާފައިވާ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައި، މިބިލް އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި، ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ކޮމިޓީ މަރުޙަލާ ކުރިއަށް ގެންދަވާފައިވެއެވެ.

މީގެއިތުުރުން އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/10 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 79 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ބިލު ހުށަހެޅުއްވި މެންބަރު އަނބުރާ ގެންދަވަން ބޭނުންފުޅުވާ ކަމަށް 18 އޮކްޓޯބަރު 2011 ގައި ސިޓީ ފޮނުއްވާފައިވާތީ ރިޔާސަތުން އެކަން އިޢުލާނުކުރެއްވިއެވެ.

މިއަދުގެ ޖަލްސާގައި، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖްތާޒް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށްގެންދެވަނިކޮށް ޖަލްސާގެ ނިޒާމް ގެއްލުމުގެ ސަބަބުން 14:17 ގައި ރިޔާސަތުން ޖަލްސާ ނިންމަވާލެއްވިއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ، 24 އޮކްޓޯބަރ 2011 ވާ ހޯމަދުވަހު ހެނދުނު 9:00 ގައެވެ.